ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މުވައްޒިފުންގެ ކަންކަން ގާނޫނާ ހިލާފަށް ނިންމަމުންދޭ: ލޭބާ އޮތޯރިޓީ

ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން މުވައްޒިފުންގެ ކަންކަން ގާނޫނާ ހިލާފަށް ނިންމަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާއި ގުޅިގެން މުވައްޒިފުންގެ މުސާރައާ އިނާޔަތް ކުޑަކުރުމާއި، މުސާރައާ އިނާޔަތް ނުދޭގޮތަށް (ނޯޕޭ ލީވްގެ ގޮތުގައި) މުވައްޒަފުން ފޮނުވާލުމާއި، ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ވަޒީފާދޭ ފަރާތްތަކުން ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާއި ގުޅިގެން، ވިޔަފާރިތަކަށްވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، މުވައްޒިފުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން، ސަރުކާރުން ލޯން ދޫކުރުމާއި އެ ނޫންވެސް ގިނަގުނަ ލުއިތައް ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖައްސައިިދިނުމަށް ނިންމާފައިވާތީ، މި އިނާޔަތް ދިނުމުގައި މުވައްޒިފުން ވަޒީފާއިން ވަކިނުކޮށް، މުވައްޒިފުންގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދޭ ފަރާތްތަކަށް ސަރުކާރުން އިސްކަން ދޭނެ ކަންވެސް އެ އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބައެއް ފަރާތްތަކުން މުވައްޒިފުންގެ ކަންކަން ގާނޫނާ ހިލާފަށް ނިންމަމުންދާކަން ފާހަގަކޮށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ މިދަނޑިވަޅުގައި މުވައްޒަފުންގެ ވަޒީފާއާ ގުޅުންހުރި ކަންކަން ނިންމުގެ ކުރިން އެކަންކަމާ ގުޅޭގޮތުން އެ އޮތޯރިޓީއާއެކު މަޝްވަރާ ކުރުމަށާ އެއްވެސް މުވައްޒިފަކާމެދު ގާނޫނާ ހިލާފަށް އަމަލު ނުކުރުމަށް އަންގާފައެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ މާޗް 1 ކުން ފެށިގެން އެއްވެސް މުވައްޒިފެއްގެ ވަޒީފާގެ ހާލަތަށް ބަދަލު ގެނެސްފައިވާނަމަ އެކަން އެ އޮތޯރިޓީގެ ވެބްސައިޓްގައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު އޭޕްރީލް މަހުގެ 15 ކުރިން ހުށައެޅުމަށް އެދިފައެވެ.

ކޮވިޑް19 ގެ ސަަބަބުން ވަޒީފާއިން ވަކިކޮށްފިނަމަ ނުވަތަ މުސާރައާ އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އިކޮނޮމިކް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ޖޮބް ސެންޓަރަށް ރިޕޯޓް ކުރުމަށް އެ މިނިސްޓްރީންވެސް ވަނީ އެދިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިދަނޑިވަޅުގައި ރާއްޖޭގެ ފަތުުރުވެރިކަމާއި އެހެނިހެން އިގްތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަގްސަދުގައި ވިޔަފާރިތަކަށް ކޭޝް-ފްލޯ ފައިނޭސިން ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން އަޅަމުންދާ ކަމަށެވެ.

ކޮވިޑް19 ގެ ސަަބަބުން ވަޒީފާއިން ވަކިކޮށްފިނަމަ ނުވަތަ މުސާރައާ އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ ބަދަލެއް އައިސްފައިވާނަމަ އިކޮނޮމިކް މިނިސްޓްރީއިން ގާއިމްކޮށްފައިވާ ޖޮބް-ސެންޓަރުގައި ރިޕޯޓްކޮށް އެ މައުލޫމާތު ހިއްސާ ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.