މިހާތަނަށް ކުރި އެންމެ ބޮޑު ދެ ހަނގުރާމަ އާއި ސްޕެނިޝް ފްލޫގެ ބޮޑު ރޯގާއިން ސަލާމަތްވީ 108 އަހަރުވީ މުނިމާމަ ކޮރޯނާވައިރަހުގެ ޝިކާރައަކަށް ވެގެން ދުނިޔެ ދޫކޮށްފި އެވެ.
ހިލްޑާ ޗާޗިލްގެ ހަށިގަނޑުން ކޮރޯނާވައިރަސްގެ އަލާމަތްތައް ފެންނަން ފެށުމުން އޭނާ އޮތީ ގްރޭޓާ މެންޗެސްޓާ، ސެލްފޯޑްގައި ހުންނަ ކެންޔޮން ލޮޖް ކެއާ ހޯމްގައި އައިސޮލޭޓް ކޮށް ބާއްވާފަ އެވެ. ހިލްޑާގެ ކުއްލި މަރުން ހިތްހަލާކުވެފައިވާ އޭނާގެ އާއިލާގެ މީހުން އުންމީދު ކޮށްގެން ތިބީ މިފަހަރު ވެސް ކޮރޯނާވައިރަހާ ހަނގުރާމަކޮށް ވެސް ހިލްޑާ ގަދަވާނެ ކަމަށެވެ. އަދި 5 އޭޕްރީލް ވާ އާދިއްތަ ދުވަހު އޭނާގެ 109 ވަނަ އުފަން ދުވަސް ފާހަގަ ކުރެވޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވީތާ 24 ގަޑިއިރު ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު ހިލްޑާ ވަނީ މަރުވެފަ އެވެ.
ހިލްޑާ މަރުވިއިރު އޭނާގެ މާމަ ދަރިފުޅު އެންތަނީ، 49، ދިޔައީ އޭނާއަށް ސަޕްރައިސް ޕާޓީއެއް ދިނުމަށް އިންތިޒާމްތައް ކުރަމުންނެވެ. އެންތަނީ ބުނީ މާމަގެ މަރުގެ ސަބަބުން އާއިލާއަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިއްޖެ ކަމަށެވެ.
"މާމަ އަބަދުވެސް ކިޔާނެ އޭނާއަކަށް ތާ އަބަދަކު ދިރިއެއް ނުހުރެވޭނޭ. ނަމަވެސް އެހެން ކިޔަކިޔާފަ ވެސް ކޮންމެ ފަހަރަކުވެސް ބަލިވިޔަސް އެ ބައްޔަކުން އަރައިގަނެވޭ،" އެންތަނީ ބުންޏެވެ.
އެންތަނީ އޭނާގެ މާމަ ސިފަ ކުރަނީ ދުވަހަކުވެސް ބަނގުރާ ނުބޮއި، ދުންފަތުގެ އިސްތިއުމާލު ނުކުރާ އަދި ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގަ އެވެ. މީގެ 10 ވަރަކަށް މަސް ކުރިން ކެއާ ހޯމް އަކަށް ބަދަލުވުމުގެ ކުރިން މާމައަކީ އެކަނި ގެއެއްގައި ގަސް ހައްދައިގެން ހިތްހަމަޖެހިލައިގެން އުފަލުގައި އުޅުނު މީހެއް ކަމަށް އެންތަނީ ބުންޏެވެ.
މާމަގެ ވާހަކަ ދުނިޔެއާ ހިއްސާ ކުރަން އޭނާ ބޭނުންވަނީ އަބަދުވެސް ހިނިތުންވެފައި އުފާވެރި މޫނަކާއިގެން މީހުންނާ ބައްދަލުކުރާ ހުރިހާ މާމަދަރިންނަށާއި މުނިމާމަ ދަރިންނަށް ވެސް އެހާމެ ހެޔޮ މީހަކަށް ހިލްޑާ ވީތީ އެވެ.
ހިލްޑާ އުފަންވީ 1911 ވަނަ އަހަރު އެވެ. ފިރިމީހާއާއެކު ސެލްފޯޑް އަށް ބަދަލުވެ ހެލްޑާ އެ ރަށުގައި ދިރިއުޅުން އާބާދުކުރީ އެވެ. އޭނާގެ އާއިލާގެ އެންމެން ވެސް ގަބޫލުކުރާ ގޮތުގައި ހިލްޑާއަކީ އެ އާއިލާގެ "ކުއީން" އެވެ. އަދި އޭނާ ވަކިވެދިއުމުގެ ހިތާމަ އަކީ އާއިލާއަށް ފޫބައްދަން ދަތި ކަމަކަށް ވަނީ ވެފަ އެވެ.
ހިލްޑާގެ އުފަން ހަތަރު ދަރިން، މާމަކިޔާ 11 ދަރިން އަދި މުނިމާމަ ކިޔާ 14 ދަރިން އެބަތިއްބެވެ.