ކޮރޯނާވައިރަހުގެ ސަބަބުން މުޅި ދުނިޔެއަށް ބޮޑު ބިރުވެރިކަމަކާ ކުރިމަތިވެފައިވާއިރު ބޮލީވުޑްގެ ބައެއް ފަންނާނުން ވަނީ އެމީހުންގެ ދީލަތި އަތްތައް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހުޅުވާލާފަ އެވެ. މެޑިކަލް ސަޕްލައި ގަތުމަށާއި އެނޫންވެސް ބޭނުންތަކަށް ހުޅުވާފައިވާ ފަންޑުތަކަށް ފަންނާނުން ދަނީ ގިނަ އަދަދެއްގެ ފައިސާގެ އެހީ ދެމުންނެވެ.
އިންޑީޔާގެ ބޮޑުވަޒީރު ހުޅުއްވާފައިވާ ޕީއެމް-ކެއާޒްއަށް މަޝްހޫރު އެކްޓަރު އަކްޝޭ ކުމާޜު 25 ކްރޯޑު ރުޕީސް ހަދިޔާ ކޮށްފައި ވެއެވެ. މިއީ ފިލްމީ ތަރިއަކު ހަދިޔާކުރި ރެކޯޑް މިންވަރެކެވެ. މިހާ ގިނަ އަދަދެއްގެ ފައިސާ ހޭދަކުރި ސަބަބު ބުނެދެމުން އަކްޝޭ ބުނީ އެ ފައިސާއަކީ އޭނާގެ މަންމަގެ ފަރާތުން އޭނާގެ މަދަލޭންޑަށް ކުރި ހަދިޔާއެއް ކަމަށެވެ.
ދާދިފަހުން ރިލީޒްކުރި "ސާހޯ' ގެ ބަތަލު ޕްރަބާސް ތިން ކްރޯޑު ރުޕީސް މި ފަންޑަށް ހަދިޔާ ކުރިއިރު ވަރުން ދަވަން ވަނީ 55 ލައްކަ ރުޕީސް ހަދިޔާ ކޮށްފަ އެވެ. އަދި ކޮމޭޑިއަން ކަޕިލް ޝަރުމާ ވަނީ 50 ލައްކަ ރުޕީސް މި ފަންޑަށް ހަދިޔާ ކޮށްފަ އެވެ.
ޕްރަބާސް ނޫނަސް ސައުތު އިންޑިއާގެ މަޝްހޫރު ގިނަ އެކްޓަރުން ވަނީ ކޮންމެ އެކްޓަރަކު މަދުވެގެން އެއް ކްރޯޑު ރުޕީސް ހަދިޔާ ކޮށްފަ އެވެ.
ކޮރޯނާވައިރަހުން މީހުން ރައްކާތެރިކުރުމުގެ މަސައްކަތްކުރާ މުމްބައިގެ ބީއެމްސީއަށް ރިތިކް ރޯޝަން 20 ލައްކަ ރުޕީސް ހަދިޔާ ކޮށްފައިވާއިރު ރިތިކް ވަނީ ގިނަ އަދަދެއްގެ މާސްކް ވެސް ބީއެމްސީ އަށް ހަދިޔާ ކޮށްފަ އެވެ.
"ކާމިޔާބު" އާއި "މުސާން" ގެ ޕްރޮޑިއުސަރު މަނީޝް މުންދްރާ ވެސް ވަރަށް ގިނަ މެޑިކަލް އިކްއިޕްމަންޓްސް އެކި ހޮސްޕިޓަލުތަކަށް ހަދިޔާ ކޮށްފައި ވެއެވެ.
ފިލްމު އިންޑަސްޓްރީގައި ދުވަހު މުސާރައަށް މަސައްކަތްކުރާ އެތައް ހާސް ބަޔަކު އުޅޭއިރު މަސައްކަތްތައް ނުކޮށް އެތައް ދުވަހެއް ފާއިތުވަމުންދާއިރު އެމީހުންގެ ހާލަތު ގޯސް ވާނެކަން އެނގޭތީ ވަރަށް ގިނަ ފިލްމީ ތަރިން ވަނީ ފަންޑެއް ހުޅުވައި އެ ހުރިހާ މީހުންނަށް އެހީވެދޭން ނިންމާފަ އެވެ. މި ފަންޑަށް ބޮޑެތި އަދަދުތަކުން އެހީވީ ފަންނާނުންގެ ތެރޭގައި ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ، ކަރަން ޖޯހަރް، ބަތަލާ ކިއާރާ އަދުވާނީ، ރަކުލް ޕްރީތު ސިންގް، ތާޕްސީ ޕަންނޫ، އެކްޓަރު އަޔުޝްމާން ކުރާނާ، ސިދާރްތު މަލްހޯތުރާ އަދި ޑައިރެކްޓަރު އެލް. އާނަންދް ރާއީ ހިމެނެ އެވެ.
އަމީތާބު ބައްޗަން އަކީ ވެސް ގިނަ ބަޔަކަށް އެހީތެރިވާ އެކްޓަރަކަށް ވިޔަސް އަދި އޭނާ އެހީތެރިވެދޭނެ ދާއިރާތަކާއި އަދަދު އިއުލާން ކޮށްފައެއް ނުވެ އެވެ.