ބޮލީވުޑް

އިންޑިއާ ލޮކްޑައުން ކުރުމުން ބޮލީވުޑްގެ ގެއްލުން އިންތިހާއަށް

ކޮރޯނާވައިރަސް ފެތުރެމުންދާތީ 21 ދުވަހަށް އިންޑިޔާ ލޮކްޑައުން ކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އެ ގައުމުގެ ފިލްމު އިންޑަސްޓްރީ އަށެވެ. މާޗް 25 އިން ފެށިގެން އިންޑިއާ ލޮކްޑައުން އަށް ގޮސްފައިވާއިރު ފާއިތުވީ ކޮންމެ ދުވަހަކީ ވެސް ބޮލީވުޑަށް ވަރަށް ބޮޑު ގެއްލުންތަކެއް ވަމުންދާ ދުވަހެކެވެ.

ފިލްމުތަކުގެ މަސައްކަތް މުޅިން ހުއްޓިފައިވާއިރު ސިނަމާތައް ބަންދުކޮށް ފިލްމުތައް ރިލީޒް ކުރުން ވެސް ވަނީ ފަސްކުރަން މަޖްބޫރުވެފަ އެވެ.

ޓްރޭޑް އެނަލިސްޓް ގިރިޝް ޖޯހަރް ބުނެފައިވާ ގޮތުގައި ކުރިޔަށް އޮތް އޭޕްރީލް މަހު އެކަނިވެސް ފިލްމު އިންޑަސްޓްރީއަށް 300 ކްރޯޑުގެ ގެއްލުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

"މިހާރު ކަންތައްތައް އޮތީ ވަރަށް އޮޅުންބޮޅުންކޮށް. މި ބަލި ކޮންޓްރޯލް ކުރެވި އަލުން ކަންތައްތައް ހަމައަކަށް އެޅިގެން ނޫނީ ގެއްލުން އަންދާޒާ ކޮށްލަން ނުވެސް އެނގޭނެ. މިއީ އަހަރެމެންގެ މޫނުގައި ގައި ޑަބަލްކޮށް ޖެހުނު ދެ އަތިފަހަރު. މީގެ ސަބަބުން ފިލްމު އިންޑަސްޓްރީގެ ދެ ލޯ ވަނީ ކަޅުވެފަ. އެކަމަކު މިކަމުން އަރައިގަނެވޭނެ ކަމަށް އުންމީދު ކުރަން،" ޓްރޭޑް އެނަލިސްޓް ބުންޏެވެ.

ގިރިޝް ބުނި ގޮތުގައި މާޗް މަހު ލިބޭނެ ގެއްލުން ވެސް ލަފާ ކޮށްފައިވަނީ 500 ކްރޯޑަށް ވުރެ ދަށް ނުވާނެ އެވެ. އަދި އޭޕްރީލް މަހު ވެސް ހަމަ މިހާ ވަރުގެ ގެއްލުމެއް ލިބޭނެކަމަށް ބެލެވެ އެވެ. އެހެންވީމާ މި ގެއްލުމުން އަރައިގަނެވިދާނެ ކަމާ މެދު ވެސް މިހާރު ސުވާލު އުފެދެ އެވެ.

އޭޕްރީލް މަހަކީ ފިލްމު އިންޑަސްޓްރީއަށް އާއްމުކޮށް ވަރަށް މުހިއްމު މަހެކެވެ. ވަރަށް ރަނގަޅު ވިޔަފާރިއެއް އާއްމުކޮށް ކުރެވޭ މަހެކެވެ. ނަމަވެސް އެ މަހުގެ ވިޔަފާރި ސުމަކަށް ދޔައިމަ ދެން މިއަހަރުގެ ކުރިޔަށް އޮތް ދުވަސްތަކުގައި ދިމާވާނެ ކަންތައްތައް ޚިޔާލަށް ގެންނަން ވެސް އަދި ނޭނގޭ ކަމަށް ޓްރޭޑް އެނަލިސްޓް ބުންޏެވެ

މިހާރު ރިލީޒްކުރަން ތައްޔާރުވެފައިވާ ފިލްމުތައް ރިލީޒް ކުރެވޭއިރު ހާލަތު ހުންނާނެ ގޮތެއް އަދި އަންދާޒާ ކޮށްލަން ނޭނގުމަކީ ވެސް އޮތް ބިރެކެވެ. ސަބަބަކީ ފިލްމުތަކަށް ފައިދާވާނެ ސިނަމާތަކަށް މީހުން ވަދެގެން ކަމަށް ވެފައި ބަލި ކޮންޓްރޯލްވެ ސިނަމާތައް ހުޅުވުނަސް ބެލުންތެރިންގެ ތެރެއިން ފިލްމު ބަލާ މޫޑުގައި ތިބޭނީ މަދު ބައެއް ކަމަށް ބެލެވޭތީ އެވެ. ގިނަ ބަޔަކު އުޅޭނީ ބަނގުރޫޓުވީ އެމީހުންގެ ދިރިއުޅުން އަލުން އާރާސްތު ކުރެވޭނެ ގޮތެއް ހޯދުމަށެވެ. ފިލްމު ބަލާ މުނިފޫހިފިލުވުމުގެ ވިސްނުން އެމީހުންގެ މާ ބޮޑަށް ހުންނާނެ ކަމަކަށް ނުބެލެވެ އެވެ. ޚާއްސަކޮށް ކޮރޯނާވައިރަސް ކޮންޓްރޯލްނުވެ މާ ގިނަ ދުވަހު މިގޮތަށް ކުރިޔަށްދާނަމަ ފިލްމު އިންޑަސްޓްރީއަށް ދުވަހަކުވެސް އަރައިނުގަނެވޭވަރުގެ ބޮޑު ގެއްލުމެއް ވާނެކަން ޔަގީނެވެ.