ވިޔަފާރި

އެލްޓީއީ-އޭ ނެޓްވޯކް ތައާރަފުކުރި ދެކުނު އޭޝިޔާގެ ފުރަތަމަ ކުންފުންޏަކަށް ދިރާގު

Sep 10, 2015
1

އެލްޓީއީ އެޑްވާންސް (އެލްޓީއީ-އޭ) މޮބައިލް ނެޓްވޯކް ތައާރަފުކުރި ދެކުނު އޭޝިޔާގެ ފުރަތަމަ ކުންފުންޏަކަށް ރާއްޖޭގެ ދިރާގު ވެއްޖެ އެވެ.

ދިރާގުން "އެލްޓީއީއޭ ނެޓްވޯކް" ތައާރަފު ކުރުމުގެ ގޮތުން ސީހައުސްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެލްޓީއީއޭ ނެޓްވޯކުގެ ސަބަބުން އިންޓަނެޓު ބޭނުންކުރާ މީހުން ބޭނުންކުރާ މޮބައިލް އިންޓަނެޓުގެ ސްޕީޑް މިހާރަށްވުރެ ދެ ގުނަ ހަލުވި ވެގެންދާނެ ކަމަށެވެ.

"އެލްޓީއީއޭ ނެޓްވޯކް ތައާރަފުކުރި ދެކުނު އޭޝިޔާގެ ފުރަތަމަ ގައުމަކަށް ވެގެން މިދިޔައީ ރާއްޖެ. މިއީ ލިބިގެން ދިޔަ ފަހުރެއް،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުން މޮބައިލް އިންޓަނެޓުގެ ހިދުމަތް ދިނުމަށް މީހާރު ތްރީޖީ އާއި ތްރީޖީ ޕްލަސް އަދި ފޯޖީ އާއި އެލްޓީއީ ނެޓްވޯކް ތައާރަފުކޮށްފައިވެ އެވެ. އަދި މިއަދު ތައާރަފު ކުރެވިގެން މިދިޔައީ އެލްޓީއީ އެޑްވާންސް ނެޓްވޯކެވެ.

ދިރާގުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި މޮބައިލް ޕްރޮޑަކްޓް އެގްޒެކެޓިވް އަހުމަދު އިޝާން އެލްޓީއީއޭ ނެޓްވޯކު މިހާރު ލިބޭނީ މާލެ އަށް ކަމަށާއި، މި ނެޓްވޯކުގެ ސަބަބުން އެޗްޑީ ވީޑިއޯ ބަލައިލުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"މިހާރު އެޗްޑީ ވީޑިއޯ ބަފަރިން ނެތި ބަލައިލުމުގެ ފުރުސަތު ލިބޭނެ.މިއީ ހަމައެކަނި ދައްކާ ވާހަކައެއް ނޫން. މިހާރު ތަޖުރިބާ ކުރެވޭނެ،" އިޝާން ވިދާޅުވި އެވެ.