ކޮވިޑް-19 ގެ ސަބަބުން ދުނިޔެ އާއި ރާއްޖޭގެ އިގްތިސާދު ދަށްވެފައިވާއިރު، މިއީ މަތީ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ދައުލަތަށް ޓެކްސްގެ ގޮތުގައި ނަގާ ފައިސާގެ ބޭނުންތެރިކަން އެންމެ ބޮޑު ވަގުތު ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މިއީ ދައުލަތަށް މަތީ އާމްދަނީ ލިބޭ ފުދުންތެރި ފަރާތްތަކުގެ އެހީ އެންމެ ބޮޑަށް ބޭނުންވާނެ ވަގުތު ކަމަށެވެ.
"މިއީ އިންކަމް ޓެކްސް ނަގަން ފަށަންވީ ވަގުތަކީ. ފުދުންތެރިކަން ހުރި މީހާ ދައުލަތަށް އެއްޗެއް ދޭންވީ ވަގުތަކީ މިއީ. އިންކަމް ޓެކްސްއަކީ ގެއަށް ގެންނަ ފައިސާ އިން ނަގާ އެއްޗެއް. މަހަކު 60،000 ރުފިޔާ ގެއަށް ގެނެވޭ ހާލަތުގައި މިއަދު ހުރިއްޔާ މިއީ ދައުލަތަށް އެ ޓެކްސް ދައްކަން ޖެހޭ ވަގުތު ކަމަށް." އީވާ ވިދާޅުވި އެވެ.
ސަރުކާރުން އިންކަމް ޓެކްސް ނަގަން ފަށަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އެ ގޮތުން ކޮންމެ މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން 5.5 ޕަސެންޓް ނަގަ އެވެ. 100،000 ރުފިޔާއާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.
ސަރުކާރުން ތައާރަފު ކުރި އިކޮނޮމިކް ޕެކޭޖްގެ ދަށުން ދޫކުރާ ލޯނުތަކަށް އިޝާރާތް ކުރައްވަމުން އީވާ ވިދާޅުވީ ސަރުކާރުން މި ދަނޑިވަޅުގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެނީ ވިޔަފާރިތަކުގައި ތިބި މުވައްޒަފުންގެ ވަޒީފާ ހިމާޔަތް ކޮށްދިނުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށް މަގުފަހިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ބައެއް ރިސޯޓުތަކުން މުވައްޒަފުން ނޯޕޭ ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާލާ ކަން އީވާ ފާހަގަ ކުރެއްވި އެވެ. ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދޭ އެހީ މުވައްޒަފުންނަށް ހޭދަ ކުރަމުންދޭތޯ ބަލަން ޖެހޭ ކަމަށް އެ ކަމަށް ފާރަވެރިވާނެ އިންތިޒާމުތަކެއް ގާއިމު ކުރަން ޖެހޭ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
މީގެ އިތުރަށް ޓޫރިޒަމް ސިނާއަތަށް އަބަދު ބަރޯސާވެ ތިބުމުގެ ބަދަލުގައި ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ ސިނާއަތްތައް ތަރައްގީ ކުރުމަށް ކުރަން ޖެހޭ ކަންކަމުގެ މައްޗަށް ދިރާސާކޮށް އެ މަސައްކަތް ފަށަން ޖެހޭ ވަގުތު ވެސް އައިސްފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.
ސަރުކާރުން ތައާރަފުކުރި 2.5 ބިލިއަން ރުފިޔާ އިކޮނޮމިކް ޕެކޭޖްގެ ދަށުން ތިން އަހަރު ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިއަޑާއި ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރެވޭނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފައި ކުންފުނިތަކަށް މުވައްޒަފުން މަދު ނުކުރުމަށް ޝަރުތު ކުރެ އެވެ.
ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ރާއްޖެއަށް ޓޫރިސްޓުން އައުން ވަނީ މަނާކޮށްފަ އެވެ. އޭގެ ސަބަބުން އިގްތިސާދަށް ބޮޑު ހީނަރު ކަމެއް އަންނާނެ އެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި އިގްތިސާދަށް ވަންނަ ބޭރުގެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ގެއްލޭނެ އެވެ.