ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެޗްއައިއެޗްގައި ތިބި މީހުން އިތުރު 14 ދުވަހަށް ކަރަންޓީންގައި ބައިތިއްބަނީ

Mar 30, 2020

ކޮވިޑް-19އާ ގުޅިގެން، އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ހުސްކުރަން ވެގެން އެތަނުގައި އޭރު އެކަހެރިކޮށްފައިތިބި ތިބި މީހުން އެހެން ތަނަކަށް ގެންދިޔަ ފަހުން، އެތަނުގައި ހުރި ދިވެއްސަކު ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން، އެޗްއައިއެޗްގައި އެވަގުތު ތިބި ހުރިހާ އެންމެން އިތުރު 14 ދުވަހަށް ކަރަންޓީނުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ، އެޗްއައިއެޗުގައި އެކަހެރިކޮށްފައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާ އާ ކޮންޓެކްޓްވި އެންމެން، އޭނާ ޕޮޒިޓިވް ވުމާ ހިސާބުން ފެށިގެން 14 ދުވަސް އަދި ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ނިންމާފައިވާ ކަމަށެވެ.

"އެޗްއައިއެޗުން ޓްރާންސްފާ ކުރި ދިވެހިން އިތުރު 14 ދުވަހު ތިބެން ޖެހޭ ގޮތަށް ޓެކް ޓީމުން މިހާރު ވަނީ ނިންމާފައި. މިއީ އުނދަގޫ ނިންމުމެއް. އަދި ދަތިތައް ދިމާވާނެ ކަން ވެސް އެނގޭ. އެކަމަކު މިކަމާ ގުޅިގެން ސަރުކާރުގެ ވިސްނުން ހުރީ ސަލާމަތް އިސްކުރަން. އަޅުގަނޑުމެންނަށް ނެގެން ނެތް ރިސްކެއް އެއީ އެ ކުދިން އަނބުރާ ގެނައުމަކީ،" މަބުރޫކު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، އެޗްއައިއެޗް އާ ގުޅިގެން ނިންމި ނިންމުމަކީ އެތަނުގައި ތިބި މީހުންގެ އިތުރުން ކަމާބެހޭ ފަރާތްތަކަށްވެސް އުނދަގޫ ނިންމުމެއް ކަމަށެވެ.

ނަމަވެސް، އެގޮތަށް ނިންމަންޖެހުނީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގައި ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން މި ނިންމީ އިތުރު 14 ދުވަހަށް އެމީހުން ކަރަންޓީނުގައި ބޭތިއްބުމަށް. އެކަމަކު، މިއަދުން ފެށިގެން 14 ދުވަހެއް ނޫން، އެކަން ހިނގައިދިޔަ ދުވަހުން ފެށިގެން 14 ދުވަސް ބަލާނީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެ މީހާ އާ ކޮންޓެކްޓުވެގެން އިތުރު 14 ދުވަހަށް ކަރަންޓީނުކުރަނީ ކިތައް މީހުންކަމެއް ހާމަކޮށްފައެއްނުވެ އެވެ.

މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 17 މީހުންނެވެ. މީގެތެރޭގައި ދެ ދިވެހިން ހިމެނެ އެވެ. ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.