ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެ ދިވެހިންނާ ކޮންޓެކްޓްވެފައިވާ 34 މީހަކު އެކަހެރިވުމަށް އަންގާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައި ދެ ދިވެހިންނެވެ. އެ ދެ މީހުން ވެސް ރާއްޖެ އައި ގޮތަށް ގެންދިޔައީ ކަރަންޓީނަށެވެ. މާލެއަށް ތެރެއަށް ގޮސްފައެއް ނުވެ އެވެ.
އެހެންނަމަވެސް އެމީހުންނާ ކޮންޓެކްޓްވި މީހުން ހޯދައި، ޖުމްލަ 34 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އެއީ ކޮން ބައެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭގެ ތެރޭގައި އެ ދެ މީހުންނާ ކޮންޓެކްޓްވި އެއާޕޯޓްގެ މުވައްޒަފުން ހިމެނެ އެވެ.
ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާއާ ކޮންޓެކްޓްވި 29 މީހަކު ހޯމް ކަރަންޓީނަށް ދިޔުމަށް އަންގާފައިވާނެ ކަމަށެވެ. އެމީހުންގެ ތެރެއިން ގޭގައި ކަރަންޓިނު ވެވެން ނެތް މީހުން، ސަރުކާރުން ކަރަންޓީނު ފެސިލިޓީއެއްގައި ކަރަންޓީނުކޮށް ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
މަބުރޫކު ވިދާޅުވި ގޮތުގައި ދެވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއާ ގުޅިގެން ހިންގި ކޮންޓެކްޓް ޓްރޭސިންގައި 48 މީހަކު ފާހަގަ ކުރެވުނެވެ. އޭގެ ތެރެއިން ތިން މީހަކު ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައިވާއިރު ދެ މީހަކު ގޭގައި އެކަހެރިވުމަށް އަންގާފައިވާނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
ދެ ދިވެހިން ޕޮޒިޓިވްވި ފަހުން ސަރުކާރުން ވަނީ ކަރަންޓީނަށް ގެންނަ އެންމެން ވެސް އަލާމާތް ނުފެނުނު ނަމަވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނިންމާފަ އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ ދެ ދިވެހިންނަށް އެކަންޏެވެ. ރާއްޖޭގައި ޕޮޒިޓިވްވި 13 ބިދޭސީން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެމީހުން މިހާރު ތިބީ 30 ދުވަހުގެ ކަރަންޓީނުގަ އެވެ.