ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ޑިރެކްޓަރު ޖެނެރަލްގެ އިތުރު އެންގުމެއް

ރިޒޯޓުތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް އަންގާ އިތުރު އެންގެވުމެއް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ރިޒޯޓުތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް މީގެ ކުރިން ވެސް ވަނީ އަންގާފަ އެވެ. ނަމަވެސް އެ އެންގުމަށް އިތުރު ބަދަލުތަކެއް ގެނެސް މިރޭ ވަނީ އިތުރު އެންގެވުމެއް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވާފަ އެވެ.

އެ އެންގުމުގައި ބުނެފައިވަނީ އިތުރު އެންގުމެއް އަންގަންދެން ރިޒޯޓުތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން މަނާ ކޮށްފައިވާ ކަމަށާ ރަށްރަށުން ރިޒޯޓްތަކާއި، ސަފާރީތަކަށް މީހުން ދަތުުރުކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

އަދި އެއް ރިޒޯޓުން އަނެއް ރިޒޯޓަށް މީހުން ދަތުރުކުރުން ވެސް ހުއްޓާލަން އަންގާ ކަމަށެވެ.

މި ހާލަތުން އިސްތިސްނާ ވާނީ ރިޒޯޓްތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ވަޒީފާ އަދާ ކުރުމަށް ރިސޯޓަށް ނުވަތަ ސަފާރީއަށް ދިއުމާއި، ފަތުރުވެރިން ރާއްޖެއިން ފުރުވުމަށް އެއާޕޯޓަށް ދިއުމާއި، ފަތުރުވެރިން ފުރުވަން އެއާޕޯޓަށްދާން ޖެހޭ މުވައްޒިފުންނެވެ.

އަދި ރިސޯޓްތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒިފުންނާއި އެހެނިހެން ބޭނުންތަކަށް ރިޒޯޓްތަކަށް ޒިޔާރަތްކޮށްފައިވާ މީހުން އެހެން ރަށްރަށަށް ދާން ބޭނުންވާނަމަ އެވެ.

އެފަދަ މީހުން ރިޒޯޓެއްގައި ފަތުރުވެރިން ތިބިނަމަ، ރިޒޯޓްގައި ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަރަންޓީންގައި މަދުވެގެން 14 ދުވަސް ފުރިހަމަވާން ޖެހޭނެ ކަމަށާ މި ހާލަތުގައި އެމީހުންނަށް ފޭބޭނީ އެގްޒިޓް ސްކްރީން ހެދުމަށްފަހު އަދި ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބުމުން ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުުރުން ރިޒޯޓްގައި ފަތުރުވެރިން ތިބިނަމަ އެ ރިޒޯޓަށް އެންމެ ފަހު ފަތުރުވެރިޔާ ދިޔަ ފަހުން މަދުވެގެން 14 ދުވަސްވެފައި ވާންވާނެ ކަމަށާ އެ ހާލަތުގައި އެ ރިޒޯޓްގައި ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލީގެ އަލާމަތްތައް ހުރި މީހަކު ނެތުންވެސް ހިމެނޭ ކަމަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމުގައި ރިޒޯޓުން ނުވަތަ ސަފާރީން ބަޔަކަށް ފޭބޭނީ އެޗްޕީއޭން ބޭނުންވާ މައުލޫމާތު ހުށައެޅުމުން ބަަަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ހުއްދަ ދިނުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާ، އެކަމާ ގުޅިގެން އަންގަންޖެހޭ އެންގެވުންތައް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ދަނީ ކޮންމެ ދުވަހަކުވެސް އަންގަވަމުންނެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ ދެ ދިވެހިންނަށް އެކަންޏެވެ. ރާއްޖޭގައި ޕޮޒިޓިވްވި 13 ބިދޭސީން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެމީހުން މިހާރު ތިބީ 30 ދުވަހުގެ ކަރަންޓީނުގަ އެވެ.