ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޮނުވޭނެ ތަކެތި ހާމަކޮށްފި

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށް، ކާފިއު އިއުލާނު ކޮށްފައިވާ އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އަންގައިފި އެވެ.

މިރޭ ފޮރިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް މުދާ ބަލައި، ލަންކާއަށް ދަތުރުކުރާއިރު، އެ ފްލައިޓުން ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ރާއްޖޭގައި ތިބި އެ މީހުންގެ އާއިލާތަކަށް ދޭން ނިންމާފައިވާތީ އެކަމަށް އެދޭ މީހުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިގޮތުން ކޮންމެ ހަފުތާއަކު އެ ދަތުރު ކުރުމަށް ނިިންމާފައިވާތީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވޭނެ ކަމަށާ ކޮންމެ އާއިލާއަކަށް ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށް ވަނީ ބުނެފައެވެ. އަދި ކާގޯގެ ގޮތުގައި ފޮނުވޭނީ ސްރީލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެން ޒަރޫރީ ބޭނުންތަކަށް ފޮނުވާ ތަކެތި ކަމަށް ވަނީ ބުނެފައެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތި

  • ފައިސާ
  • ރޯމަސް
  • ކޭކު
  • ހެދިކާ
  • މޭވާ
  • ތަރުކާރީ

ފޮރިން މިނިސްޓްރީން ބުނީ ކޮންމެ ފަހަރަކުވެސް ގެންދެވޭނީ ވަކި މިންވަރަކަށް ކަމަށްވާތީ އިސްކަން ދޭނީ ފޯމް ހުށައަޅާ ތަރުތީބަށް ކަމަށެވެ. އަދި ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފޯމް ހުށައަޅަން ޖެހޭނެ ކަމަށާ އެ ތަކެތި ހަވާލުކުރާ ހައި ކޮމިޝަން މެދުވެރިކޮށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ތަކެތި ބަލައިގަންނާނީ ގްރޭޓާ މާލޭ ބަސްސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 09:00 ފެށިގެން 13:00 އަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.