އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަލްޓްރާ - އޮތޮޑޮކްސްގެ ކަންކަމުގައި ލަފާ ދެއްވާ މުޝީރެއް ކަމައްވާ ރިވްކާ ޕާލޫ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި ރިވްކާ ޕާލޫ މިދިޔަ ބުރާސްފަތި ދުވަހު ބޮޑުވަޒީރު ނަތަންޔާހޫ އާއި ބައްދަލު ކުރެއްވި އެވެ.
ރިވްކާ ޕާލޫ ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެކަމަނާގެ ފިރިކަލުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވިތާ މަދު ގަޑި އިރުތަކެއްގެ ތެރޭގަ އެވެ. އޭގެ ސަބަބުން ނަތަންޔާހޫގެ ހަށިކޮޅަށް މި ބަލި އަރާފާނެކަމުގެ ކަނބޮޑުވުން ވެސް އެފެދިގެންދިޔަ އެވެ.
ނަތަންޔާހޫގެ އޮފީހާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މި މައްސަލައާއި ގުޅިގެން އެފަރާތުން އަމަލު ކުރާނީ ސިއްހީ ވުޒާރައިން ނެރެފައިވާ ގަވައިދާ އެއްގޮތަށެވެ. އޭގައި ވާގޮތުން ކޮވިޑް-19 ބަލި ޖެހިފައި ހުރި މީހަކާ ބައްދަލުވާ ކޮންމެ މީހަކު ވެސް މަދު ވެގެން 14 ދުވަހު ކަރަންޓީނުގައި މަޑު ކުރަން ޖެހެ އެވެ. އެހެން ކަމުން ބޮޑު ވަޒީރުގެ އިތުރުން އެދުވަހު ރިވްކާ ޕާލޫ ބައްދަލު ކުރެއްވި މަޖިލިސް މެންބަރުން ވެސް ކަރަންޓީން ކުރާނެ އެވެ. ބޮޑު ވަޒީރުގެ އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި ރިވްކާ ޕާލޫ އެދުވަހު ބައްދަލުކުރި އެންމެން މިހާރު ވަނީ ހޯދިފަ އެވެ.
ބޮޑު ވަޒީރު ނަތަންޔާހޫ މިހާރުވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފަ އެވެ. އަދި މިދިޔަ ހޯމަ ދުވަހު ނަތީޖާ ލިބުނުއިރު ނަތަންޔާހޫ ވަނީ ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފަ އެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކައި އަދިވެސް ނަތަންޔާހޫ ހުންނަވާނީ އަމިއްލަފުޅަށް ކަރަންޓީން ވެގެން ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ. އަދި މިހާރު ބޮޑުވަޒީރު ބޭފުޅުންނާއި ބައްދަލު ކުރައްވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.