މެލޭޝިއާގައި މިއަދު އެކަނި 190 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވަނީ ކުއަލަލަންޕޫރުގައި ހުރި މިސްކިތެއްގައި ބޭއްވި ހަރަކާތަކުން ކަމަށް އެ ގައުމުން ބުނެފި އެވެ.
އެ ގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއަދު އެ ވައިރަސް ޖެހުނު ގިނަ މީހުނަށް އެ ބަލި ޖެހުނު ކަމަށް ބެލެވެނީ ކުއަލަލަންޕޫރުގައި ހުރި ސެރީ ޕެޓަލިން މިސްކިތުގައި ފެބްރުއަރީ 28 އިން ފެށިގެން 1 މާޗްއާ ހަމަޔަަށް ކުރިޔަށް ގެންދިޔަ ދީނީ އެއްވުމެއްގެ ތެރެއިން ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި 77 މީހުންނަކީ ވެސް އެ އެއްވުމުގައި ބައިވެރިވި މީހުންކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މެލޭ ސަރުކާރުން ބުނެފައިވާ ގޮތުގައި، އެ އެއްވުމުގައި އެކި ގައުމުތަކުން 16،000 އެއްހާ މީހުން ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 14،000 އެއްހާ މީހުންނަކީ މެލޭ ރައްޔިތުންކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.
މެލޭޝިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 428 އަށް އިތުރުވެފަ އެވެ.
އެ މިސްކިތަށް ގޮސް ނުވަތަ އެ ހަރަކާތުގައި ބައިވެރިވި ދިވެހިންވެސް މެލޭގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އެންގުމަށް މީގެ ކުރިން ވަނީ އަންގައިފަ އެވެ.