ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

އަނެއްކާ ވެސް ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

Mar 31, 2020
13

ކޮވިޑް-19 އަށް އިތުރު ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ، ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެފައި ވަނީ ވެސް އިނގިރޭސި ވިލާތުން އެނބުރި އައި ދިވެއްސެއް ކަމަށާއި އޭނާ ރާއްޖެ އެނބުރި އައުމާއެކު އޭނާ ކަރަންޓީނު ކޮށްފައި ހުރީ، ރޯޔަލް އައިލެންޑް ރިސޯޓުގައި ކަމަށެވެ.

އެ ބައްޔަށް ރާއްޖޭން ތިން ދިވެހިން މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ އެންމެންނަކީ ވެސް އިނގިރޭސިވިލާތުން އެނބުރި އައި މީހުންނެވެ.

ރާއްޖޭގައި ޖުމްލަ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ތިން ދިވެހިން ފިޔަވައި އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. ނަމަވެސް، އެ މީހުންގެ ތެރެއިން މިހާތަނަށް 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.


މީގެ ކުރިން ޕޮޒިޓިވްވި ދެ ދިވެހިންނާ ކޮންޓެކްޓްވި 34 މީހަކު އެކަހެރިވުމަށް އަންގާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ދެ މީހުން ވެސް ރާއްޖެ އައި ގޮތަށް ގެންދިޔައީ ކަރަންޓީނަށެވެ. މާލެއަށް ތެރެއަށް ގޮސްފައެއް ނުވެ އެވެ. ނަމަވެސް އެމީހުންނާ ކޮންޓެކްޓްވި މީހުން ހޯދައި، ޖުމްލަ 34 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އެއީ ކޮން ބައެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭގެ ތެރޭގައި އެ ދެ މީހުންނާ ކޮންޓެކްޓްވި އެއާޕޯޓްގެ މުވައްޒަފުން ހިމެނެ އެވެ.

ދެ ދިވެހިން ޕޮޒިޓިވްވި ފަހުން ސަރުކާރުން ވަނީ ކަރަންޓީނަށް ގެންނަ އެންމެން ވެސް އަލާމާތް ނުފެނުނު ނަމަވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނިންމާފަ އެވެ.