ޖާންވީ ކަޕޫރު

"ދަޅަކް"ގެ އެކްޓިން އާމެދު ޖާންވީ ހިތްހަމައެއް ނުޖެހޭ

ޖާންވީ ކަޕޫރުގެ ފުރަތަމަ ފިލްމު "ދަޅަކް" ގައި އޭނާއަށް އެކްޓް ކުރެވިފައިވާ ގޮތާ މެދު އޭނާ ވެސް ހިތްހަމައެއް ނުޖެހެ އެވެ. ޖާންވީ ބުނާ ގޮތުގައި އެ ފިލްމުގައި އޭނާގެ އެކްޓިން ވަރަށް ހަރުކައްޓެވެ.

ޖާންވީ އަލަށް ދީފައިވާ އިންޓަވިއު އެއްގައި ބުނީ އެކްޓް ކުރުމާ ގުޅޭ ޓެކްނިކަލް ކަންތައްތައް ނޭނގޭތީ ހިތަށް އެރި ގޮތަކަށް އެކްޓް ކުރީ ކަމަށެވެ.

ބީބީސީ އޭޝިއަން ނެޓްވާކަށް ދީފައިވާ އިންޓަވިއުގައި ޖާންވީ ބުނީ އެ ފިލްމުގައި އޭނާއަށް އަމިއްލަ ނަފްސަށް އިތުބާރެއް ނެތް ގޮތަކަށް އެކްޓް ކުރެވިފައިވާ ކަމަށާއި ވާހަކަ ދެއްކުމުގައި ވެސް މައްސަލަތައް ހުރި ކަމަށެވެ. އަދި ބައެއް މަންޒަރުތަކުގައި އޭނާ ފެނުނީ ވަރަށް ހަރުކަށިކޮށް ކަމަށާއި އޭނާގެ ކެރެކްޓާ ވަރަށް ތެދުވެރި ކަމާއި ސެންސިޓީވިޓީ އާއެކު ކުޅެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށެވެ. އަދި ޖަޒުބާތީ މަންޒަރުތައް އޭނާއަށް ކުޅެވިފައިވާ ގޮތާ މެދު ޖާންވީ ހިތްހަމަޖެހެ އެވެ.

"އަހަރެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް އެކްޓް ކުރީ. ނަމަވެސް ޓެކްނިކަލް ބައިތައް އެހާ ބޮޑަށް ނޭނގޭތީ އެހާ ބޮޑަކަށް ނިންމުންތައް ރަނގަޅެއް ނޫން ހުރިލެއް،" ޖާންވީ ބުންޏެވެ.

އެކްޓްކުރުމާ ގުޅޭ ޓެކްނިކަލް ބައިތައް ނޭނގުމުގެ ސަބަބުން އެކްޓިން ޕޮލިޝް ކުރެވިފައެއް ނެތް. އަހަރެން އަމިއްލައަށް މިކަހަލަ ވާހަކަތައް ދެއްކުމަކީ ތަންކޮޅެއް ހެއްވާ ކަމެއް. ނަމަވެސް އަހަރެން ތެދުވެރިކަމާއެކު މަސައްކަތް ކޮށްފައިވާތަން ސްކްރީނުން ވެސް ފެންނާނެ،" ޖާންވީ ބުންޏެވެ.

ޖާންވީއަށް ވެސް އަދި "ދަޅަކް" އަށް ވެސް ބެލުންތެރިންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ލިބުނެވެ.
ފިލްމު ރިލީޒްވިތާ މާ ގިނަ ދުވަހެއް ނުވެ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ޖާންވީ ބުނެފައި ވަނީ ބެލުންތެރިން އޭނާއަށް ދިން ލޯތްބަކީ ވަރަށް އާދަޔާޚިލާފު ލޯތްބެއް ކަމަށެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް ފިލްމުން ދޭން ބޭނުންވީ މެސެޖު މީހުންނާ ހަމަޔަށް ފޯރިކަމަށް ގަބޫލު ކުރެވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ބެލުންތެރިން ދިން ލޯތްބާއެކު ފުރަތަމަ ފިލްމަށް ވުރެ ރަނގަޅަށް މަސައްކަތް ކުރުމުގެ ފުރުސަތުތައް ލިބިފައިވާތީ ޖާންވީ ހުރީ ހިތްހަމަޖެހިފަ އެވެ. އޭނާ ބުނި ގޮތުގައި ބައްޕަ އާއި "ދަޅަކް" ގެ ޑައިރެކްޓަރު ޝަޝާންކް ޚައިތާން އަދި އެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް އޭނާއާ މެދު ފަޚުރުވެރިވެ ހިތްހަމަޖެހިފައިވުމަކީ ބަޔާންކުރަން ވެސް ނޭނގޭ އުފަލެއް ލިބުނު ކަމެކެވެ.

"ދަޅަކް" އަށް ފަހު ޖާންވީ ވަނީ ޒޯހާ އަޚްތަރުގެ ވެބް ސީރީޒް "ގޯސްޓް ސްޓޯރީޒް" ކުޅެފަ އެވެ. އަދި އޭނާގެ ވަރަށް ގިނަ ފިލްމުތަކެއް އުފެއްދުމުގެ އެކި މަރުހަލާތަކުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ހޮރޯ-ކޮމެޑީ ފިލްމެއް ކަމަށްވާ "ރޫހީއަފްޒާނާ" އާއި ގުންޖަން ސަކްސޭނާ ބައޮޕިކް އަދި "ދޯސްތާނާ 2" އާއި "ތަޚުތު" ހިމެނެ އެވެ.