ޕޮލިޓިކްސް

ރައީސް ޔާމީންގެ ޕޯސްޓަރު ފެންނަ ބެކްގްރައުންޑް ބްލާ ކުރަން އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި ޕޯސްޓަރުތަކާއި ބައެއް އެހެން ޝިޔާރުތައް ފެންނަ ޕޯސްޓަރުތަކެއް ފެންނަން ހުންނާތީ ބެކްގްރައުންޑް ބްލާ ކުރުމަށް ފަހު ވާހަކަ ދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް ކުރިއަށްދާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އެޖެންޑާ ކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވުމާ ގުޅިގެން ސަރުކާރުން ތައާރަފު ކުރި އިކޮނޮމިކް ޕެކޭޖް އުފެއްދުންތެރިކަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް އެވެ.

މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ބަހުސް ކުރެއްވިއިރު، އޭނާ ހުންނެވި ތަނުގެ ފަހަތުން ފެންނަން ހުރި ފާރުގައި ބައެއް ޕޯސްޓަރުތައް ތަތް ކޮށްފައި ހުއްޓެވެ. އެއީ ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާ ކޮށްފައިވާ ޕޯސްޓަރުތަކަކާއި ރައީސް ޔާމީން ދޫކޮށްލަން ގޮވާލައި ޕޯސްޓަރުތަކެކެވެ.

ކުއްލި މައްސަލައަށް ޝިޔާމް ބަހުސް ކުރައްވަން ފެށްޓުވުމާއެކު ވާހަކަ މެދުކަނޑާލުމަށް ފަހު، ރައީސް ނަޝީދު ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ޝިޔާމްގެ ބެކްގްރައުންޑް ބްލާ ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ އަރުއްވާފައިވާ ކަމަށެވެ. އެހެންކަމުން ވެބް ކޮންފެރެންސް ގެންދާ މައިކްރޮސޮފްޓް ޓީމްސް އެޕް މެދުވެރިކޮށް ޝިޔާމްގެ ބެކްގްރައުންޑް ބްލާ ކުރަން ނަޝީދު އެންގެވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެންބަރަކު ވާހަކަ ދައްކަވާއިރު އެއްވެސް ޝިއާރެއް ފެންނަ ގޮތަށް ނުތިބެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާން ކުރެ އެވެ. އެހެންކަމުން ބެކްގްރައުންޑް ބްލާ ކުރުމަށް ކައުންސިލަ ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށާއި ބެކްގްރައުންޑް ބްލާ ކުރުމުން ބަހުސް ކުރިއަށް ގެންދަވަން ފުރުސަތު އަރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެންގެވުމަށް ޝިޔާމް ވަނީ ބެކްގްރައުންޑް ބްލާ ކޮށްފަ އެވެ. ޝިޔާމް ވިދާޅުވީ އެ ފާރުން ފެންނަން ހުރީ ދިވެހި ގައުމަށް އެންމެ ބޮޑު ހިދުމަތެއް ކުރެއްވި ރައީސްއަކު ބަންދުގައި ހުންނެވުމުން މިނިވަން ކުރަން ގޮވާލައި ޝިއާރަކާއި ބަލިމަޑުކަމުގެ ހާލަތުގައި އެންމެ ބޮޑު ހިދުމަތެއް ދެމުންދާ ސިއްހީ ހިދުމަތްތެރީންނަށް ޝުކުރު އަދާ ކުރާ ޝިއާރެއް ކަމަށެވެ. އެއީ ދިވެހި ގިނަ ރައްޔިތުންގެ ޝިއާރު ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިއީ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ފެށި ފަހުން މެންބަރަކު ހުންނެވި ތަނުގެ ބެކްގްރައުންޑް ބްލާ ކުރަން މަޖިލީހުގެ ރައީސް ނަޝީދު އެންގެވި ފުރަތަމަ ފަހަރެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ބަހުސް ފެށްޓެވިއިރު ވެސް އިންނެވީ ބެކްގްރައުންޑް ބްލާ ކޮށްގެންނެވެ. އެ ބެކްގްރައުންޑް ބްލާވުމުން ޕޯސްޓަރެއް ހުރި ކަމެއް ސާފެއް ނޫނެވެ. މިހާތަނަށް ބަހުސް ކުރެއްވި މެންބަރުންގެ ތެރެއިން ޝިއާރެއް ފެންނަ ގޮތަށް ހުރީ ޝިޔާމް އިންނެވި ތަނުގައި އެކަންޏެވެ.