މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ ފިލްމުތަކުގައި މަސައްކަތް ކުރުމަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ކޮންމެ އެކްޓަރެއްގެ ވެސް ހުވަފެނެކެވެ. ސަބަބަކީ ބާންސާލީ އުފައްދާ ފިލްމުތަކަކީ ހުރިހާ ގޮތަކުން ވެސް ވަރަށް މޮޅު އަދި ފުރިހަމަ ފިލްމު ތަކަކަށް ވާތީ އެވެ.
ބާންސާލީ މި ފަހަކަށް އައިސް އިއުލާން ކުރި އެންމެ ބޮޑު ޕްރޮޖެކްޓަކީ "އިންޝާﷲ" އެވެ. މި ފިލްމަށް އޭނާ ޚިޔާރުކުރީ ސަލްމާން ޚާނާއި އާލިއާ ބަޓް އެވެ. ފިލްމު އިއުލާން ކުރުމާއެކު ދެ ތަރިންގެ ފޭނުން އުފަލުން ގޮސް ފޮޅުނެވެ. ނަމަވެސް މި އުފާވެރިކަން ދެމިއޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ކުއްލިއަކަށް ޚަބަރުތައް ލިބެން ފެށީ މި ފިލްމުގެ މަސައްކަތް މުޅިން ހުއްޓުނު ވާހަކަ އެވެ.
ސަލްމާނާއި ބާންސާލީއަކީ ވަރަށް ކުރިއްސުރެ ގާތް ދެ އެކުވެރިންނެވެ. ހަގީގަތުގައި ބާންސާލީއަށް ފިލްމު އިންޑަސްޓްރީން ފުރުސަތުތައް ތަނަވަސްކޮށްދީ އޭނާ ބޮލީވުޑަށް ނެރެދިނީ ވެސް ސަލްމާނެވެ. "ޚާމޯޝީ" އަކީ ސަލްމާން ލީޑް ރޯލު ކުޅެ ބާންސާލީ ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ.
އޭގެ ފަހުން "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގައި ވެސް ބާންސާލީ ވަނީ ސަލްމާން ބައިވެރިކޮށްފަ އެވެ. މިއީ އައިޝްވަރިޔާ އާއި ސަލްމާން އެކުގައި ކުޅުނު ފިލްމަކަށް ވެފައި މި ދެ ތަރިން އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ސަބަބުން ފަހުން ބާންސާލީ އާއި ސަލްމާންގެ ގުޅުމަށް ބުރޫ އެރި އެވެ. އެއީ އައިޝްވަރިޔާ ލައްވާ ބާންސާލީ ފިލްމެއް ކުޅުވަން ބޭނުންވުމުން ސަލްމާން އެ ފިލްމުގެ ބަތަލުގެ ބައި ބޭނުން ވުމެވެ. ނަމަވެސް ސަލްމާން ފިލްމުގައި ބައިވެރިވާނަމަ އައިޝްވަރިޔާ ފިލްމުގައި ބައިވެރި ނުވާނެ ކަމަށް ބުނުމުންނެވެ. މި މައްސަލަގަނޑު ޖެހިގެން ބާންސާލީ ދެކެ ރުޅީއައިސް ވާހަކަ ނުދައްކާ ސަލްމާން ވަރަށް ގިނަ ދުވަހު ހުއްޓެވެ.
"އިންޝާﷲ" އިއުލާން ކުރީ ސަލްމާނާއި ބާންސާލީ ގުޅިގެން އުފެއްދި އެންމެ ފަހު ފިލްމު އުފެއްދިތާ 20 އަހަރު ފަހުންނެވެ. އެމީހުންގެ ގުޅުން އަލުން ރަނގަޅުވާން 20 އަހަރު ނެގިއިރު ފިލްމު އިއުލާން ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް ކުނި ޖެހި ފިލްމު ފެށޭ ގޮތް ވެސް ނުވި އެވެ.
މިފަހަރު މި ދެ މީހުންގެ މެދުގައި މައްސަލަ ޖެހުނީ ޕްރިޔަންކާ ޗޯޕްޅާ އާ ހެދި އެވެ. "ބާޖީރާއޯ މަސްތާނީ" ކުޅުނު ފަހުން ބާންސާލީ އާއި ޕްރިޔަންކާގެ ގުޅުން ވަރަށް ރަނގަޅެވެ. އަދި "އިންޝާﷲ"ގެ އައިޓަމް ލަވައެއް ޕްރިޔަންކާ ލައްވާ ކުޅުވަން ބާންސާލީ އޮތީ ނިންމާފަ އެވެ. ނަމަވެސް ސަލްމާންގެ "ދަބަންގް 3" ކުޅެން ސޮއިކޮށް ފިލްމު ފެށެން ކައިރިވެފައި ވަނިކޮށް ޕްރިޔަންކާ ކުއްލިއަކަށް އެ ފިލްމުން ވަކިވުމުން ސަލްމާން ހުރީ އޭނާ ދެކެ ވަރަށް ރުޅި އައިސްފަ އެވެ. އެހެންވެ "އިންޝާﷲ" ގެ އައިޓަމް ލަވަ ޕްރިޔަންކާ ލައްވާ ކުޅުވުމާ ސަލްމާން ދެކޮޅު ހެދި އެވެ.
ސަލްމާން ބޭނުންވީ އޭނާގެ އެކުވެރި ބަތަލާއެއް ކަމަށްވާ ޑެއިޒީ ޝާހް ލައްވާ އެ ލަވަ ކުޅުވާށެވެ. ނަމަވެސް މިއީ ބާންސާލީ އެއްގޮތަކަށް ވެސް ގަބޫލުކުރާނެ ޝަރުތަކަށް ނުވި އެވެ. ދެ މީހުންގެ ހަގީގީ އަރާރުން ފެށުނީ މި ކަމާ ހެދި އެވެ. އަދި އެންމެ ފަހުން ސަލްމާން ވަނީ "އިންޝާﷲ" ނުކުޅެން ނިންމާ އެކަން އިއުލާން ވެސް ކޮށްފަ އެވެ.