ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައްޑޫން ސާމްޕަލް ނެގި ދިވެހިން ނެގެޓިވް

Mar 31, 2020

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން އައްޑޫ ސިޓީއިން ސާމްޕަލް ނެގި ތިން ދިވެހިންގެ ޓެސްޓްގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެއީ ކޮން ތިން ދިވެހިން ކަމެއް އެޗްޕީއޭއިން ބުނެފައެއް ނުވެ އެވެ. ނަމަވެސް މިފަހުން އައްޑޫ ސިޓީއިން ސާމްޕަލް ނެގި އެކެއްގެ މައްސަލަ ބޮޑުވެގެން ދިޔަ އެވެ.

އެމީހާއަކީ އިންޑިއާގެ ކޮޗިންއަށް ދަތުރުކުރުމަށްފަހު އައްޑޫއަށް ދިޔަ މީހެކެވެ. އޭނާ ކޮވިޑް-19ގެ އަލާމާތްތަކެއް ހުރެގެން ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށެވެ. އޭނާ އެ ހޮސްޕިޓަލް އީއާރްއަަށް ދިޔުމުން އެތަނުގައި ތިބި ދެ ނަރުހުންނާއި ޑޮކްޓަރު އޭނާއަށް އެޓެންޑްވި އެވެ. އެހެންވެ، އެ ތިން މީހުން އެކަހެރިކުރި އެވެ.

އައްޑޫ ސިޓީގެ ސާމްޕަލްތައް ނެގެޓިވްވެފައިވާއިރު މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ތިބީ ތިން މީހުންނެވެ. އެ ތިން މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެހިންނެވެ. ތިން މީހުން ވެސް ރާއްޖެ އައި ގޮތަށް ތިބީ ކަރަންޓީނު ފެސިލިޓީގަ އެވެ.

އޭގެތެރެއިން ޕޮޒިޓިވްވި ފުރަތަމަ ދެ ދިވެހިންނާ ކޮންޓެކްޓްވި 34 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.