ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެހެން ރިސޯޓުތަކުން ދިނީ ނޯޕޭ، ވެލާއިން ދެއްކީ ނަމޫނާ

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ބަންދުކޮށް، މުވައްޒަފުންނަށް މުސާރަ ނުލިބޭގޮތަށް ގެއަށް ފޮނުވާލަމުންދާކަމުގެ ޝަކުވާތަކުގެ އަޑުތައް ގަދަވަމުންދާ ދަނޑިވަޅެއްގައި، ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން އެފަދަ ރިސޯޓުތަކަށް ނަމޫނާ ދައްކައިފި އެވެ.

ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ އިން މުވައްޒަފުންނަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ މުވައްޒަފުންނަށް ގެއްލުންވާ އެއްވެސް ކަމެއް އެ ރިސޯޓުން ނުކުރާނެ ކަމަށެވެ.

އެ ރިސޯޓުން ބޭރުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 ޑޮލަރަށްވުރެ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންނަށް އަސާސީ މުސާރައާ އެކު އިތުރު 200 ޑޮލަރުގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި 600 ޑޮލަރަށް ވުރެ ބޮޑު މުސާރަ ލިބޭ މީހުންނަށް، މުސާރައާއެކު އިތުރު އެލަވެންސްގެ ގޮތުގައި 100 ޑޮލަރު ލިބޭނެ އެވެ.

މީގެ އިތުރުން ރިސޯޓުގައި މި ވަގުތު ތިބި މުވައްޒަފުންގެ ތެރެއިން 1،000 ޑޮލަރު އަށްވުރެ ދަށް މުސާރަ ލިބޭ މުވައްޒަފުންނަށް ސާވިސް ޗާޖު އެލަވެންސެއްގެ ގޮތުގައި 500 ޑޮލަރު ދިނުމަށް ނިންމާފައިވާކަމަށާއި އަދި 1،000 ޑޮލަރަށް ވުރެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 300 ޑޮލަރު ލިބޭނެ ކަމަށް ވެލާ އިން ބުންޏެވެ.

އަދި ހުރިހާ މުސާރައިގެ ކެޓަގަރީތަކުގެ މުވައްޒަފުންގެ ތެރެއިން، އަދި ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް 100 ޑޮލަރު ދޭނެކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ.

ވެލާގެ މުވައްޒަފުންގެ ތެރެއިން އައުޓް ސޯސް ކުރާ މުވައްޒަފުންނާއި ވެލާއާ ގުޅިގެން ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ މުސާރަ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ ރިސޯޓުން ބުނެ އެވެ. ނަމަވެސް، މި ދަނޑިވަޅު މި މުވައްޒަފުންގެ ކޮންޓްރެކްޓްތައް ވެސް ނުހައްގުން ބާތިލް ނުކުރާނެ ކަމަށް ވެލާއިން ބުންޏެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން، ޗުއްޓީ އާއި އޮފް ދުވަސްތައް މިހާރު އޮންނަ އުސޫލާ އެއްގޮތަށް ބަދަލު ނުގެނެސް ލިބޭނެ ކަމަށް ވެސް ވެލާއިން ބުންޏެވެ.

ވެލާ އަކީ މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އޮންނަ ރިސޯޓެކެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމަށް އައިސްފައިވާ ހީނަރުކަމާއެކު، މިހާތަނަށް 11،000 އެއްހާ މުވައްޒަފުން ނޯޕޭގައި ފޮނުވާލާފައިވާކަމަށް ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ "ޓީމް"އިން ދާދި ފަހުން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން މުވައްޒިފުންގެ ކަންކަން ގާނޫނާ ހިލާފަށް ނިންމަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވެސް ވަނީ ބުނެފަ އެވެ.

Message by Ministry Of Health