ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތަކުގެ ވިޔަފާރި ދަށްވެފައިވާ މި ހާލަތުގައި މަސައްކަތެއް ނެތް ރިސޯޓުތަކުގައި ދަނޑުވެރިކަން ކޮށްގެން އާމްދަނީއެއް ހޯދިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.
އިގްތިސާދު ދަށްވެފައިވާތީ ސަރުކާރުން ތައާރަފުކުރި އިކޮނޮމިކް ޕެކޭޖުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ އަބަދު ޓޫރިޒަމަށް ބަރޯސާވެގެން ތިބެވެން ނެތް ކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އިގްތިސާދު މި އޮތް ހާލަތުން އަރައިގަތުމަށް ޓަކައި އާ އީޖާދުތަކެއް ހޯދަން ޖެހިފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ސަރުކާރުން ރާވާފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމްތަކުގެ އަމަލީ މަސައްކަތް ވީހާ އަވަހަށް ފަށަން ޖެހިފައިވާ ކަމަށެވެ. އެ ޕްރޮގްރާމް ހިންގުމަށް ރާއްޖޭގެ ބޮޑެތި ފަޅު ރަށްތައް ކަނޑައެޅުމުގެ އިތުރުން އެ މަސައްކަތް ކުރަން ޝައުގުވެރިޔާ ރިސޯޓުތަކަށް ވެސް އެ ފުރުސަތު ހަމަޖައްސައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން އެ ހައްދާ ތަކެތި ބަޒާރަށް ނެރި އެއިން ލިބޭ ފައިސާ އިގްތިސާދުގެ ތެރޭގައި ދައުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޕްރޮގްރާމް ހިންގުމަށް ރިސޯޓްތަކަށް ބޭންކުތަކުން ވެސް ލޯނު ދޭންވީ. އޭރުން އެ ރިސޯޓްތަކުގެ މުވައްޒަފުން ދަނޑުވެރިކަމުގެ ޕްރޮގްރާމް ހިންގައި އެ މީހުންނަށް މުސާރަ ލިބި، ރިސޯޓްގައި މި ކަން ކުރުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑިޕިއުޓީ ލީޑަރު ކަމުގައި ވެސް ހުންނެވި އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ އިތުރު އާ އީޖާދުތަކެއް ހޯދާނެ ގޮތުގެ ދިރާސާއެއް ކުރަން ޖެހޭ ކަމަށެވެ. ދިރާސާ ކުރުމަށް ފަހު، ރާއްޖޭގައި އާމްދަނީ ލިބެން އޮތް ކުދިކުދި ސިނާއަތްތައް ތަރައްގީކޮށް ދިވެހިންގެ ވަޒީފާ ހިމާޔަތް ކުރުމަށް ސަރުކާރާއި މަޖިލީހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާާ ގުޅިގެން ގިނަ ގައުމުތަކުގެ ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ. ރާއްޖޭން ވެސް އެ ބަލި ފެނުމާ ގުޅިގެން ޓޫރިސްޓުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އޭގެ ސަބަބުން އިގްތިސާދަށާއި ޓޫރިޒަމް ސިނާއަތަށް ވަނީ ބޮޑު ހިނާރު ކަމެއް އައިސްފަ އެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ ބޮޑު އަދަދެއް ގެއްލިގެން ދާނެ އެވެ.