ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕެންޝަން ފައިސާ ބޭނުން ކުރެވޭ ގޮތް ހަދަން ޖެހޭ: ނިހާދު

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވެ ގިނަ އަދަދެއްގެ މީހުނަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގެ ގޮތުން ޕެންޝަން ފައިސާއިން ކޮންމެ ވެސް މިންވަރެއް ލިބޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އިގްތިސާދަށް އައިސްފައިވާ ހީނަރު ކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފުކުރި އިކޮނޮމިކް ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނިހާދު ވިދާޅުވީ ޕެކޭޖްގެ ދަށުން ވިޔަފާވެރިންނަށް ފައިސާ ދިނުމަށް ސަރުކާރުން ނިންމި ނަމަވެސް އެއިން މުވައްޒަފުންގެ މުސާރައަށް ހުރިހާ ވިޔަފާރިތަކުން ހޭދަ ކުރާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

މިހާރު ވެސް ބައެއް ރިސޯޓުތަކުން އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނޯޕޭއަށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވަމުންދާ ކަން ފާހަގަ ކުރައްވައި ނިހާދު ވިދާޅުވީ މި ހާލަތުގައި މަސައްކަތްތެރިންގެ ޕެންޝަންގެ ތެރެއިން ކޮންމެ ވެސް މިންވަރެއް ލިބޭނެ ގޮތެއް ހަމަޖައްސައިދީފިނަމަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މި ނަތީޖާ އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންނަށް މަސައްކަތްތެރިންނަށް ހޯދަ ދިނުމަށްޓަކައި އެންމެ ރަނގަޅު ގޮތަކަށް އޮންނާނީ، އެ މަސައްކަތްތެރިންގެ ޕެންޝަން ފަންޑުގެ ތެރެއިން، ޕެންޝަންގެ ތެރެއިން ކޮންމެވެސް އެއްޗެއް އެ މަސައްކަތްތެރިންނަށް ލިބޭނެ ގޮތް ހަމަޖައްސަދީގެން ކަމަށް،" ނިހާދު ވިދާޅުވި އެވެ.

އެތައް މިލިއަން ފައިސާއެއް އިންވެސްޓްކޮށް ބޮޑެތި ފައިދާތައް ހޯދަމުން އައިސްފައިވާ ރިސޯޓުތަކުން މުވައްޒަފުންނާ މެދު އެ ގޮތަށް އަމަލު ކުރަމުންދާތީ ނިހާދު ވަނީ އެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މުވައްޒަފުންނާ މެދު އެ ގޮތަށް އަމަލު ކުރަމުންދާ ވިޔަފާރިތަކާއި ކުންފުނިތަކާ މެދު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގިނަ ގައުމުތަކުގެ ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ. ރާއްޖޭން ވެސް އެ ބަލި ފެނުމާ ގުޅިގެން ޓޫރިސްޓުން އައުން ވަނީ މަނާކޮށްފަ އެވެ. އޭގެ ސަބަބުން އިގްތިސާދަށާއި ޓުރިޒަމް ސިނާއަތަށް ބޮޑު ހިނާރުކަމެއް ވަނީ އައިސްފަ އެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި އިގްތިސާދަށް ވަންނަ ފައިސާގެ ބޮޑު ބައެއް ގެއްލިގެން ދާނެ އެވެ.