ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ޕެންޝަން ފަންޑުގައި އަތްލާކަށް ނުޖެހޭނެ: ރައީސް ނަޝީދު

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ސިއްހީ ހިދުމަތްތައް ދިނުމަށާއި ދައުލަތް ހިންގުމަށް ސަރުކާރުގައި ފައިސާ އެބަ ހުރި ކަމަށާއި ޕެންޝަން ފަންޑުގައި ފައިސާއިން ހޭދަ ކުރަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލުގައި ވަނީ ޕެންޝަން ފަންޑުގެ ފައިސާ ދޫކުރެވޭނެ އުސޫލެއް ހިމަނައިފަ އެވެ. ނަމަވެސް ބިލުގައި ސަރުކާރުގެ ފައިސާއާ ގުޅުން ހުރި އެފަދަ ކަންކަން ހިމަނާފައި ވާތީ މަޖިލީހަށް އެ ބިލު އެޖެންޑާ ކޮށްފައެއް ނުވެ އެވެ.

ސައީދުގެ ބިލު ދެ ފަހަރަށް ވެސް ބަލައިނުގަނެ އެޖެންޑާ ނުކުރުމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އާދަމް ޝަރީފު ވިދާޅުވީ ބިލު ބަލައިނުގަތުމުން މަޖިލީހުގެ ތެރެއިން ލިބެމުން ދިޔަ އިދިކޮޅު ފަރާތްތަކުގެ ދައުރު ގެއްލިގެން ދިޔައީ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

އާދަމް ޝަރީފުގެ ކަންބޮޑުވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ވާދަވެރި ސިޔާސީ ޕާޓީތައް ބައިވެރިކޮށް އެމަނިކުފާނު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ކަންކަމެއް ކުރިއަށް ނުގެންދަވާނެ ކަމަށެވެ. ސައީދުގެ ބިލު ބަލައިނުގަނެވުނީ އެއީ ފައިސާގެ ބިލަކަށް ވާތީއާއި މަޖިލީހުގެ ގަވާއިދު އެ ކަމަށް ތަން ނުދޭތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސް ކޮށްފައިވާ އާ ގަވާއިދުގައިވާ ގޮތުން، ސަރުކާރުގެ އާމްދަނީއާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީއެއްގެ މެންބަރެއް މެދުވެރިކޮށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބިލުގައި ކުރުމަށް ހުރި ކަންކަން ހަމަޖެއްސުމަށް ސަރުކާރުގައި ފައިސާ އެބަހުރި ކަމަށާއި ދާދި ފަހުން މަޖިލީހުން ދިން ހުއްދައާއެކު އެމްއެމްއޭ މެދުވެރިކޮށް އިތުރު ފައިސާ ދައުރު ކުރަން ނެރެފައިވާ ކަމަށެވެ. ބޭރުން ލިބޭ އެހީތަކުގެ ތެރެއިން ވެސް ސަރުކާރަށް ފައިސާ ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީުދ ވިދާޅުވީ ސައީދުގެ ބިލުގައިވާ ގޮތަށް އެ ހުރިހާ ކަމެއް ކުރަން ޕެންޝަން ފަންޑުގެ ފައިސާއިން ހޭދަ ކުރާކަށް ނުޖެހޭނެ ކަމަށެވެ. ޕެންޝަން ފަންޑުގައި ފައިސާ ބޭނުން ކުރުމަކީ އެމްޑީޕީގެ ސަރުކާރަކުން ތާއީދު ކުރާނެ ސިޔާސަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޕެންޝަން ފަންޑުގައި އަތްލާކަށް ނުޖެހޭނެ. ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލީމަ އެ ގައުމެއްގެ މާޒީ އެކީގައި ދިޔައީ. އެމްޑީޕީގެ މެނިފެސްޓޯއެއްގެ ދަށުން ހިނގާ ސަރުކާރަކުން ޕެންޝަން ފަންޑަށް މިފަދަ ގޮތެއް ހެދުމަށް އެއްބަސްވުން އެއީ ވަރަށް ދަތިކެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރަން ނުޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ގިނަ މެންބަރުން ވަނީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ރައްޔިތުންނަށް ނެގޭނެ ގޮތެއް ހަމަޖެއްސުމަށް ގޮވާލައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ.