ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ގެސްޓްހައުސްތަކަށް މީހުން ގެނައުމުން މަނާ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓައިލުމަށް އެންގި އެންގުމުގެ މުއްދަތު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިތުރުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިންވުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އެގޮތުން މިއަދު އިރޮއޮއްސި 18:00 ފެށިގެން ވަކި ގޮތެއް އަންގަންދެން އެ އެންގުން ދެމި އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

ކުރިން ވެސް މިފަދަ އަމުރެއް ނެރުނެވެ. އެ އަމުރުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.

އަލަށް ނެރުނު އަމުރުގައި ވަނީ މިފަދަ ތަންތަނުގައި ޗެކްއިން ވެފައި ތިބި ބިދޭސީ ފަތުރުވެރިންނަށް ބުކިން ހަދާފައިވާ މުއްދަތުގައި ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކުގައި ތިބުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓައިލުމަށް އަންގާފައިވާއިރު މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ވަނީ ހުއްޓާލާފައެވެ. އެކަމާ ގުޅިގެން ރާއްޖެއަށް މިހާރު ފަތުުރުވެރިންނަށް ނާދެވޭނެއެވެ.

ނަމަވެސް އޭގެ ކުރިން ރިސޯޓްތަކާއި، ގެސްޓްހައުސް އަދި ސިޓީ ހޮޓާތަކަށް އައިސް ތިބި ގިނަ އަދަދެއްގެ ފަތުރުވެރިން އަދިވެސް ރާއްޖޭގައި އެބަ ތިއްބެވެ. ބައެއް ފަތުރުވެރިން ގެންދަނީ އެމީހުންގެ ޗުއްޓީ ދިގުކޮށް ރާއްޖޭގައި ތިބޭނެ ގޮތްތަކެއް ހޯދަމުންނެވެ. ހާއްސަކޮށް ކޮވިޑް ބޮޑަށް ފެތުރިފައިވާ ގައުމުތަކަށް ނިސްބަތްވާ ފަތުރުވެރިން ގެންދަނީ އެފަދަ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.