އިންޓަނެޓްގެ އަގު ހެޔޮކޮށްދީ، އަގުހެޔޮ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރުމަށް އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުގެ ކިބައިން ސަރުކާރުން އެދިއްޖެއެވެ.
ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޯވިޑް-19 ބައްޔާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަކު އަނެކަކާއި ދެމެދު ދުރުމިނެއް ބެހެއްޓުމުގެ މަގްސަދުގައި އަޅާފައިވާ ފިޔަވަޅުތަކަކަށްވާތީ މި ފިޔަވަޅުތަކަށް އަމަލުކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، މުއާސަލާތީ ހިދުމަތްތައްކާއި އިންޓަރނެޓުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މިކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖޭގައި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުން ވަނީ ދައުވަތު ދީފައި ކަމަށާ މި ދަނޑިވަޅުގައި ރައްޔިތުންގެ މާލީ ހާލަތަށް ބަދަލުތަކެއް އަންނާނެކަން ދެނެގަނެ، ގޭގައި މަޑުކުރުމާއި ގޭގައި ތިބެގެން ދަރިވަރުންނަށް އުނގަންނައިދިނުމުގައި އިންޓަނެޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ސަރުކާރުންވަނީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގައި އެދިފައި ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެގޮތުން މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އަމަލުކުރުމަށް އެދި ސަރުކާރުން ހުށަހަޅާފައިވަނީ ގޮތްތަކުގެ ތަފްސީލްވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ކުންފުނިތަކުން އަމަލުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ގޮތް
- ކޯވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އާއި އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓާނެޓުގެ ހިދުމަތްތައް އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުން.
- ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓާނެޓުގެ ހިދުމަތްތައް ފޯރުކޮށްދިނުން.
- މި ދަނޑިވަޅުގައި އިންޓާނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، "ޑޭޓާ ކެޕް" ނުވަތަ އިންޓަނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓާ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުން.
- ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ "ޑޭޓާ އެލަވަންސް" ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %70 ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %50 ކަސްޓަމަރުންނަށް ދެ ގުނައަށް އިތުރުކޮށްދިނުން.
- ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ "ޑޭޓާ އެލަވަންސް" ހަމަވުމުން އިންޓަނެޓުގެ ހިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އައު ކުރެވޭ "ޑެއިލީ އަންކެޕްޑް އެލަވަންސް" އެއް ތައާރުފުކުރުން.
މީގެ އިތުރުން، "ޑޭޓާ އެލަވަންސް" ހަމަވުމުންވެސް އިންޓަނެޓުގެ ހިދުމަތް ހަލުވި ސްޕީޑެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަހި ގޮތްތަކެއް އިންތިޒާމު ކުރުމަށާ މިދަނޑިވަޅުގައި އެކަކު އެނަކަކާއި މުއާސަލާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ވަނީ ކުންފުނިތަކުގައި އެދިފައެވެ.
މިދިޔަ ބުދަ ދުވަހު ހަވީރު ނޫސްވެރިންނާ ބައްދަލްކުރައްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދުވަސްވަރު އިންޓަނެޓްގެ އަގު ހެޔޮ ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
މި ދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ މައުލޫމާތު އާންމުންނާ ހިއްސާ ކުރާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިކަމުގެ މައުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ހިއްސާ ކުރާނަން". ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެ މުއްދަތު ހަމަވިިއިރުވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުކުރުމުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. ސަރުކާރުން ރޭ ވަނީ އިންޓަނެޓްގެ އަގަށް ގެނެވޭ ހެޔޮ ބަދަލު މާދަމާ އިއުލާނު ކުރާނެ ކަަމަށް ހާމަކޮށްފައެވެ.