ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސަފާރީތަކުގައި މަސައްކަތްކުރާ މީހުން މުޒާހަރާކޮށްފި

ސަފާރީތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒިފުން މުޒާހަރާ ކޮށްފި އެވެ.

އެ މުވައްޒިފުން މުޒާހަރާކޮށްފައިވަނީ ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަފާރީތަކުގައި ވަކި މުއްދަތެއް ވަންދެން ތިބެން މުވައްޒިފުންނަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާތީ އެވެ.

ސަފާރީތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒިފުން ވަނީ މި މުޒާހަރާގައި ބައިވެރިވެފައެވެ.

އެ މީހުން މުޒާހަރާ ކޮށްފައިވަނީ ކުދި ޑިންގީތަކެއްގައި ސަފާރީތައް އަޅާފައިވާ ހުޅުމާލެ ޖެޓީ ސަރަހައްދުގައި ތިބެގެންނެވެ.

އެ މީހުން ވަނީ ތަފާތު ލިޔުންތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބެ މުޒާހަރާ ކޮށްފައެވެ.

ފުލުހުން ވަނީ މުޒާހަރާ ހުއްޓުވަން މަސައްކަތް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ތިބި ޑިންގީތައް ކައިރިއަށް ގޮސް ފުލުހުން ވަނީ އެމީހުންނަށް ނަސޭހަތްތެރިވެފައެވެ.

ސަފާރީތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒިފުން މުޒާހަރާކޮށްފައިވަނީ އެއްވެސް އެއްވުމަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

ފުލުހުން މިއަދު ހަވީރު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން އެންމެންގެ ރައްކަލަށްޓަކައި ހުރިހާ އެންމެންވެސް ގާނޫނީ ތަރަހައިގެ ތެރޭގައި އަމަލުތައް ބެލެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.