ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގައި ބަލިޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑު: ޓެގް

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭތީ އެކަމާއި ގުޅޭގޮތުން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ސަރުކާރަށް ފަންނީ ލަފައެއް ދީފައެވެ. އެ ލަފަޔާ ގުޅިގެން މަޝްވަރާ ކުރުމަށްފަހު މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިތުރު އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރަން ވެސް ނިންމާފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުކުރަން ވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި އެވެ.

އަންނަ ހަފުތާގައިވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ނިންމި ނަމަވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސުމަށާއި ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަން އޮފީސް ހުޅުވަންޖެހިއްޖެ ނަމަ ހުޅުވައި ވީހާވެސް މަދު މުވައްޒަފުން ނެރެގެން އެ މަސައްކަތެއް ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި ނިންމި އެވެ.

ރާއްޖޭގައި ޖުމްލަ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ތިން ދިވެއްސަކު ހިމެނެ އެވެ. އެ ބަލި ޖެހުނު 13 ބިދޭސީން ރަނގަޅުވެފައިވާއިރު، ދިވެހި ތިން މީހުނަށް ދަނީ ފަރުވާ ދެމުންނެވެ.

އޭގެ ތެރެއިން އެކަކަށް ބަލި ޖެހިފައިވާކަން އެނގިފައިވަނީ މިއަދު އެވެ. އެ ތިން މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނެވެ. އެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު ތިބީ ކަރަންޓީން ކޮށްފަ އެވެެ.