ހަބަރު

ދިވެހި ދެ ފިރިހެނަކު ލިފްޓެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް އާންމުވެއްޖެ

Jan 7, 2015
3

ދިވެހި ދެ ފިރިހެން ކުއްޖަކު ލިފްޓެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް މިއަދު ފޭސްބުކްގައި އާންމުވެ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

ފެންނަ ފެނުމަށް މި ދެ ފިރިހެން ކުދިންނަކީ ވެސް ގާތްގަނޑަކަށް 17 އަހަރާއި 18 އަހަރާ ދެމެދުގެ ދެ ކުދިންނެވެ. ވީޑިއޯގައި ފެންނަނީ ލިފްޓުން މީހުންތައް ހުސްވާގަޑީގައި އެ ލިފްޓް އެމީހުންގެ "ކޮޓަރިއަކަށް" ހަދާލައިގެން ދެ ތުންފަތް ޖޯޑުކޮށް ބަދުއަހުލާގީ އަމަލެއް ހިންގާ މަންޒަރެވެ.

މި "ދެ ލޯބިވެރިން" ގެ ތުންފަތުގެ ގުޅުން ކެނޑިގެން ދަނީ ލިފްޓުން އަޅާލާ ރަނގަބީލުގެ އަޑާ އެކު ދޮރު ހުޅުވޭ ހިސާބުންނެވެ. އަނެއްކާވެސް ދެ މީހުން ކުރީގެ ހާލަތަށް އެނބުރި ގޮސް އޮޅުލައިގަނެގެން އުފާހޯދަން ފަށަނީ ލިފްޓަށް އަރާ މީހާ ނުކުމެ، ދޮރު ލެއްޕުމާ އެކުގަ އެވެ.

އެގޮތަށް ހަތަރު ފަހަރެއްގެ މަތިން މިފަދަ ކުދިކުދި ބްރޭކްތަކެއް ނަގަމުން މި ދެ މީހުން ލިފްޓް ތެރޭގައި "ލޯބި" ކުރާ މަންޒަރު މި ވީޑިއޯ އިން ފެނެ އެވެ. މިއީ ބެލެވޭ ގޮތުގައި ލިފްޓްގައި ހަރުކޮށްފައިވާ ސީސީޓީވީގެ ފުޓޭޖެކެވެ.

"އަވަސް" އަށް މައުލޫމާތު ދިން ފަރާތުން ބުނީ މި ވީޑިއޯ އަކީ މާލޭގެ ގެސްޓް ހައުސްއެއްގެ ލިފްޓެއްގެ ތެރެއިން ރިކޯޑްކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ. ގެސްޓް ހައުސްއާ ހަވާލާދީ އެ މީހާ ބުނީ މި ދެ މީހުންނަކީ އެ ގެސްޓް ހައުސް އިން ރޫމެއް ހިފަން ދިޔަ ދެ މީހުން ކަމަށެވެ.

އަދި ދެ މީހުން "ލިފްޓް ތެރޭގައި ގަތް ގަނޑެއް ގަތީ" ކޮޓަރިއެއް ނެތް ކަމަށް ބުނެ ފޮނުވާލުމުން ކަމަށެވެ. އޭނާ ބުނީ މިއީ މީގެ ދުވަހެއް ނުވަތަ ދެ ދުވަސް ކުރީގެ ރިކޯޑިންއެއް ކަމަށެވެ.

ފުލުހުން ދަނީ މިހާރު މި މައްސަލަ ބަލަމުންނެވެ.