މުއުމިނުންގެ ގޮތުގައި ތިބިހާ ދުވަހަކު ނިކަމެތިވެގެން ނުދާނެ ކަމަށާ މިވަގުތަކީ ހުރިހާ އެންމެންވެސް އެމީހުންގެ އީމާންތެރިކަން އިތުރަށް ވަރުގަދަ ކުރަން އަޒުމް ކަނޑައަޅަން ޖެހޭ ވަގުތު ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
"އީމާންކަން" މި މައުޟޫއަށް މިރޭ ޝައިހް އިލްޔާސް ދެއްވި ދަރުސްގައި ވިދާޅުވީ ދުނިޔެ މިހާރު ތަހަންމަލުކުރަމުންދާ ނުރައްކާތެރި އަދި ހިތާމަވެރި މި ވަގުތު ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިބުމަށް ހުރިހާ ރައްޔިތުން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.
އީމާންކަމަކީ ހިތުގައި ބިންވަޅު ނަގަންޖެހޭ އެއްޗެއް ކަމަށާ ހިތްހަމަޖެހުމާއި، ކާމިޔާބު ލިބޭނީ އީމާންކަމުގެ އަހުލުވެރިންނަށް ކަމަށް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ ދުނިޔޭގެ ޒީނަތުން ކިތަންމެ ވަރަކަށް އަދި އާރާބާރާ، ފައިސާއިން ހިތްހަމަޖެހުން ހޯދަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ދުނިޔެ ދެކެމުންމިދާ ފަދަ އެތައް ހާލަތެއް މީގެ ކުރިން ދުނިޔެ ތަޖުރިބާކޮށްފައިވާ ކަމަށާ އަދި އިސްލާމްދީނައިގެން ވަޑައިގެންނެވި ނަބިއްޔުންނާއި ރަސޫލުންނަށް އެތައް ގެއްލުންތަކަކާ އަނިޔާ ދިނުމަށް އަދުއްވުން ރޭވި ކަމަށް ޝައިހްގެ ދަރުސްގައި ވިދާޅުވިއެވެ. ނަމަވެސް އެއިން ކޮންމެ ފަަހަރަކު އެ ބޭކަލުން ސަލާމަތްކުރެއްވި ކަމަށާ މުސީބާތުގެ ވަގުތުގައި އެބޭކަލުންގެ ބަސްފުޅަށްވީ އެބޭކަލުންނާއެކު ޔަގީނުންވެސް މާތްﷲ ވޮޑިވެގެންވާ ކަމަށް ވިދާޅުވުން ކަމަށް އިލްޔާސް ވިދާޅުވިއެވެ.
"...ލޮބުވެތި އަޚުންނާ، އުޚުތުން. މޫސާ އަލައިހިއްސަލާމް ކަނޑުގެ އައްސޭރިއަށް ވާސިލްކޮށްދެއްވީ ﷲ. އެއީ އަހަރެމެންގެ އިލާހް. އިބްރާހިމް އަލައިހިއްސަލާމްއަށް އަލިފާނުން ރައްކާތެރިކަން ދެއްވެވީ ﷲ. އެއީ އަޅުގަނޑުމެންގެ އިލާހަކީ. މުހައްމަދުގެފާނަށް ޝައުުރު ފަރުބަދައިގެ ހޮހޮޅައިގެ ތެރޭގައި ރައްކާތެރިކަން ދެއްވި އިލާހަކީ އަޅުގަނޑުމެންގެ އިލާހަކީ. ޔޫނުސްއަލަހިއްސަލާމަށް ކަނޑުގެ އަޑީގައި މަހެއްގެ ބަނޑުގެ ތެރޭގައި ރައްކާތެރިކަން ދެއްވީ އަހަރެމެންގެ އިލާހް."
ޝައިހް އިލްޔާސް ވަނީ މިދަނޑިވަޅަކީ އީމާންތެރިކަން ފުރިހަމަ ބައެއްގެ ގޮތުގައި އެންމެހާ ދިވެހިން ސާބިތުކޮށް ތިބެންވީ ވަގުތު ކަމުގައި ވިދާޅުވެފައެވެ. ހާއްސަކޮށް ޒުވާނުން އެމީހުންގެ އުޅުންތަކާއި ގުޅުންތައް އިސްލާހުކޮށް ހެޔޮ މަގަށް ރުޖޫއަވުމަށް ގޮވާލެެއްވިއެވެ.