ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މެންބަރުންގެ ގިނަ ހުށަހެޅުންތަކެއް، އެކި ކޮމިޓީތަކުން ދިރާސާ ކުރަނީ

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވާތީ ސަރުކާރުން ތައާރަފުކުރި އިކޮނޮމިކް ޕެކޭޖްގެ ތެރެއިން އުފެއްދުންތެރިކަން އިތުރުކުރުމާ ގުޅޭ ގޮތުން މަޖިލީހުން ފެންނަ ކަންކަން ކަނޑައެޅުމަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގައި ހިމެނޭ ކޮމިޓީތަކާ ގުޅުން ހުރި ހުށަހެޅުންތަކާއެކު މައްސަލަ ދިރާސާ ކުރުމަށް އެކި ކޮމިޓީތަކަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް މިދިޔަ ތިން ދުވަހު ކުރިއަށް ދިޔަ ޖަލްސާގައި އެ މައްސަލައިގެ ބަހުސްގައި މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 72 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ 19 ރައްޔިތުންގެ މަޖިލީހުގައި މައްސަލައެއްގެ ބަހުސްގައި މިހާ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުގެ ކޮމިޓީތަކުން ދިރާސާ ކުރުމަށް މަޖިލީހުން ފާސްކުރީ 69 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީތަކުން ދިރާސާ ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމިޓީތަކުން މައްސަލަ ދިރާސާ ކުރާނީ މައްސަލައިގެ ބަހުސްގައި މެންބަރުން ހުށަހަޅުއްވައި ތާއީދު ލިބިފައިވާ ހުށަހެޅުންތަކާ އެކުގައި ކަމަށެވެ. އެ ގޮތުގެ މަތިން ވަކިވަކި ހުށަހެޅުންތައް ދިރާސާ ކުރާ ކޮމިޓީތައް މަޖިލީހުގެ އިދާރީ މޭޒުން ކަނޑައަޅައި ކޮމިޓީތަކަށް ފޮނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މަޖިލީހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާ އެކު ބައްދަލުވުމެއް މާދަމާ ބާއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބައްދަލުވުން ވެސް ކުރިއަށް ދާނީ ވެބް ކޮންފެރެންސް މެދުވެރިކޮށް ކަމަށެވެ.

މަޖިލީހުގައި މި މައްސަލައަށް ބަހުސް ކުރެއްވި މެންބަރުން ހުށަހެޅުއްވި ކަންކަމަށް ބަލާއިރު ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތް ހެދުމާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރާ ވިޔަފާރިތަކާ މެދު ފިޔަވަޅުތައް އެޅުމާއި، އިންކަމް ޓެކްސްގެ މައްސަލައާއި، ކުލީގެ މައްސަލަ ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އެކި ސިނާއަތުގައި މަސައްކަތް ކުރާ މީހުނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އެހީވާނެ ގޮތްތައް ހިމެނެ އެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން މަޖިލީހުގައި ވަކި ހާއްސަ ކޮމިޓީއެއް އުފައްދަން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ތާއީދު ކުރެއްވި އެވެ. އެކަމަކު ހުށަހެޅުއްވުންތަކާ މެދު ގޮތްތަކެއް ނިންމާނީ ކޮމިޓީތަކުން ދިރާސާ ކުރުމަށް ފަހުގަ އެވެ.