ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބުގައި ވާދަކުރާ ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އުވާލުމަށް ވިސާމް ގޮވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މެންބަރު ވިސާމް ވަނީ ލޯކަލް ކައުންސިލް އިންތިހާބު ކަނޑައެޅި ތާރީހުގައި ނުބޭއްވި ފަސްކުރަން ޖެހިފައިވާއިރު، އެ އިންތިހާބުގައި ވާދަކުރާ ސިވިލްސާވެންޓުން ސަސްޕެންޝަނުގައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވިސާމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި 204 ސިވިލްސާވެންޓުން ވާދަކުރާނެ ކަމަށާ އެ ހުރިހާ އެންމެން ދިގު މުއްދަތަކަށް ސަސްޕެންޝަންގައި ތިބެން ޖެހުމަކީ އާއިލާތަކަކަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން އެ އާއިލާތަކަށް މާލީ އެތައް މައްސަލަތަކެއް ކުރިމަތިވުމުގެ ކަންބޮޑުވުން ވިސާމް ވަނީ ފާޅު ކުރައްވާފައެވެ.

"...ކޮވިޑް19 ގެ ބިރުވެރިކަން އަޅުގަނޑުމެންނަށް ކުރިމަތިވިއިރު އަޅުގަނޑުމެން ތިބީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލައިގެން. އެގޮތުން 204 ސިވިލްސާވިސްގައި މަސައްކަތްކުރާ ބޭފުޅުން މި އިންތިހާބުގައި އެބަ ވާދަކުރޭ. އެ ދުވަހުން ފެށިގެން އެ ބޭފުޅުންގެ ވަޒީފާ އެވަނީ ސަސްޕެންޑް ކުރެވިފައި. އަޅުގަނޑު މި ފުރުސަތު ގޮވާލަން 204 އާއިލާގެ އެ ބޭފުޅުންނަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާތީ އެ ބޭފުޅުންގެ ސަސްޕެންޝަން ބާތިލްކުރަން."

ވިސާމް ވަނީ މި މައްސަލައަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހައްލު ހޯދުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ވިސާމް ގޮވާލެއްވިއެވެ.

މެންބަރު ވިދާޅުވީ ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުން އެހީތެރިކަމަށް ބޭނުންވާ ވަގުތުތަކުގައި އެހީތެރިވެދިނުން ކަމަށެވެ. އަދި މި ސަރުކާރުން އެކަންކަން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުންގެ އަދަދު

  • އަމިއްލަ ގޮތުން ވާދަކުރާ ސިވިލް ސާވަންޓުން - 69
  • މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ވާދަކުރާ ސިވިލް ސާވަންޓުން - 70
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވާދަކުރާ ސިވިލް ސާވަންޓުން - 43
  • ޖުމްހޫރީ ޕާޓީން ވާދަކުރާ ސިވިލް ސާވަންޓުން - 14
  • އަދާލަތު ޕާޓީން ވާދަކުރާ ސިވިލް ސާވަންޓުން - 05
  • އެމްޑީއޭއިން ވާދަކުރާ ސިވިލް ސާވަންޓުން - 03

އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅައި ދިނުމަށް އެދި އީސީން ކޯޓަށް މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައަށް ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށާއި އެ ކަމުގެ މަސައްކަތް ކުރެވެން އޮތީ މަޖިލީހަށް ކަމަށެވެ.

އޭގެ ފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅައިގެން މިހާރު ކުރިއަށް އެބަދެ އެވެ. އެ ގޮތުން ގާނޫނަށް ގެންނާނެ އިސްލާހުގެ ޑްރާފްޓްއެއް އީސީން ތައްޔާރުކޮށް ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. އެ ކަމަށް ވަގުތީ ގާނޫނެއް ނުވަތަ ގާނޫނީ މާއްދާއެއް ގެނައުމަށް ވެސް ކޮމިޓީގެ ބައެއް މެންބަރުން ތާއީދު ކުރެއްވި އެވެ.