ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމަށް "ކްލެވާ ކިޑްސް" ގެ ނަމުގައި ހާއްސަ ޕްރަގްރާމެއް، އަލީ ރަމީޒު (އައްޔަ) ފަށައިފި އެވެ.
ދީނީގޮތުން ދިވެހި ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އަލީ ރަމީޒުގެ އަމިއްލަ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އޭނާ ވަނީ ކުޑަކުދިން ގުރުއާން ކިޔަވާ ވީޑިއޯއާ ދީނުގައި ވާރިދުވެފައިވާ ދުއާތައް ކިޔާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކުރަން ފަށާފައެވެ.
އެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
އަލީ ރަމީޒު ވިދާޅުވީ މި ޕްރަގްރާމްގައި 10 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި ޕްރަގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ކުދިން ވީޑިއޯ ރެކޯޑް ކުރުމަށްފަހު ޓެލެގްރާމް ކުރުމަށް އަލީ ވަނީ އެދިފައެވެ. ކުދިންގެ ކިޔެވުން އަލީ ރަމީޒުގެ ޔޫޓިއުބް ޗެނަލް އިން ފެންނާނެއެވެ.
"..އޭރުން އެ ކުދިންގެ ވީޑިއޯތައް ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ބެލޭނެ ގޮތް ހަދައިދެވޭނެ. މީގެ ހަގީގީ ބޭނުމަކީ ކުޑަކުދިން ގުރުއާނަށް ލޯބިކުރުވުން. އަދި ގިނަ ކުދިންގެ ކިޔެވުން އެއްތާކުން ފެންނާނެ ގޮތް ހެދުން. އޭރުން ރީތިކޮށް ގުރުއާން ކިޔެވުމަށް މަސައްކަތް ކުރުމަށްވެސް އެޅޭ ބާރަކަށް އެކަން ވެގެންދާނެ." ދިވެހިންގެ މެދުގައި މަގުބޫލް ޔޫޓިއުބް ޗެނަލެއް ހިންގާ އަލީ ރަމީޒު ވިދާޅުވިއެވެ.
- ވީޑިއޯ ފޮނުވާނީ ޓެލެގްރާމް ލިންކް މެދުވެރިކޮށް
- ވީޑިއޯތައް އަލީ ރަމީޒުގެ ޔޫޓިއުބް ޗެނަލްއިން ފެންނާނެ
- 10 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަަށް ބައިވެރިވެވޭނެ
- ގުރުއާން އަދި ދުއާ ކިޔޭނެ
- އެއް މިނެޓަށްވުރެ ކުރު ވީޑިއޯތައް ފޮނުވުމަށް ވަނީ އެދިފައި
މިހާރުވެސް ވަރަށް ގިނަ ކުޑަކުދިން ވަނީ ޔޫޓިއުބް ޗެނަލްގައި ވީޑިއޯ ހިމެނުމަށް ފޮނުވާފައެވެ. އަދި ބައެއް ކުދިން ގުރުއާން ކިޔަވާ ވީޑިއޯއާ، ދުއާ ކިޔާ ވީޑިއޯތައް ޔޫޓިއުބްގައި ވަނީ ހިމަނާފައެވެ.
"..ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ. ވަރަށް ގިނަ ކުދިންގެ ވީޑިއޯ މިހާރުވެސް ހުރީ ލިބިފައި. ހަގީގަތުގައި މީގެ ކުރިން އަޅުގަނޑުމެންގެ ތެރޭގައި ދުއާ ކިޔުން ނެތް ނަމަވެސް ގިނަ ކުދިން މިހާރު ބޭރަށް ނިކުންނަންވިޔަސް އަދި ދުއްވާ އެއްޗަކަށް އެރިޔަސް އަދި ފާހާނާއަށް ވަންނަމުން ނުވަތަ ނިކުންނަމުންވެސް ދުއާ ކިޔާނެ. އެހެންވީމަ މި ޕްރަގްރާމްގެ މަގްސަދަކީ އެކަމަށް ހިތްވަރުދިނުން، އަދި އެކުދިން އެގޮތުގައި ތިބުމަށް ބާރު އެޅުން." އަލީ ވިދާޅުވިއެވެ.