ރައްޔިތުން ނުރައްކަލަށް ވެއްޓުނީ ބައެއް ގައުމުތަކުން މީހުން އައުން ކުރިން ނުހުއްޓުވުމުގެ ސަބަބުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ކޮވިޑް19 އަށް ހަތަރު ދިވެހިން މިހާރު ވަނީ ޕޮޒިޓިވެވެފައެވެ. އެއީ މުޅިންވެސް އިނގިރޭސިިިވިލާތުން ރާއްޖެ އައި ދިވެހިންނެވެ. ސަރުކާރުން މިހާރު ވަނީ އިނގިރޭސިވިލާތުން މީގެކުރިން އައިސްފައިވާ ދިވެހިންނާއި އެމީހުން ކޮންޓެކްޓްވި އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައެވެ.
މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ކަރަންޓީނަށް ދާން ޖެހެ އެވެ.
އެ ފިޔަވަޅު ސަރުކާރުން އެޅުމުގެ ކުރިން ވެސް އިނގިރޭސިވިލާތުން ރާއްޖެއަށް ދިވެހިން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން އައި ދިވެހިންތަކެއް ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހުން ވެސް ޓެސްޓް ކުރުމަށް ނިންމީ ކަމަށް ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ރޭ ވިދާޅުވި އެވެ.
އަދި ރައީސް ނަޝީދު ހިމެނޭ ގޮތަށް 50 ވުރެ ގިނަ މީހުން ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ރައީސް ނަޝީދުގެ ސާމްޕަލް ވަނީ ނަގާފައެވެ.
އެކަމާ ގުޅޭގޮތުން މެންބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަން ކުރީ ވަގުތު ފާއިތުވީ ފަހުން ކަމަށާ މިހާރު ކަރަންޓީންގެ މުއްދަތުވެސް ފާއިތުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ނުރައްކަލަށް ވެއްޓުނީ ބައެއް ގައުމުތަކުން މީހުން އައުން ކުރިން ނުހުއްޓުވުމުގެ ސަބަބުން ކަމަށެވެ. އަދި ކޮވިޑް19 ގެ ޓެކްނިކަލް ކަންކަން ސިޔާސީ ކުރުމަކީ ކަންބޮޑުވާ ނުރައްކާތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"...މާ ލަސްވެއްޖެ، ކަރަންޓީންގެ މުއްދަތުވެސް ފާއިތުވެއްޖެ. ވާނެ ހަ އެއްޗެއް މިހާރު އޮންނާނީ ވެފައި. ރައްޔިތުން ނުރައްކަލަށް ވެއްޓުނީ ބައެއް ގައުމުތަކުން މީހުން އައުން ކުރިން ނުހުއްޓުވީމަ. ކޮވިޑް19 ގެ ޓެކްނިކަލް ކަންކަން ސިޔާސީ ކުރުމަކީ ކަންބޮޑުވާކަމެއް. ނުރައްކާ ކަމެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭތީ އެކަމާއި ގުޅޭގޮތުން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ސަރުކާރަށް ފަންނީ ލަފައެއް ދީފައެވެ. އެ ލަފަޔާ ގުޅިގެން މަޝްވަރާ ކުރުމަށްފަހު އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިތުރު އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރަން ވެސް ނިންމާފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުކުރަން ވެސް ވަޒީރުންގެ މަޖިލީހުން ނިންމި އެވެ.