ކަރަންޓީން ކުރުމާއި، އައިސޮލޭޓް ކުރުމުގައި ވަކި މީހަކަށް ތަފާތެއް ނުކުރާ ކަމަށާ ހަމަޖެހިފައިވާ އުސޫލުން ކަރަންޓީންކޮށް އައިސޮލޭޓް ކުރަންޖެހޭ މީހުން އެއްވެސް އިސްތިސްނާއެއް ނެތި ކުރަމުން ގެންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގައި ނުފޫޒުގަދަ ބައެއް ބޭފުޅުންނާއި ސަރުކާރާ ގުޅުން އޮންނަ ބައެއް ބޭފުޅުން ކަރަންޓީނަށް ވަޑައިނުގެން ގެއަށް ވަޑައިގެންފައިވާ ކަމަށް ބުނެ ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ. އަދި އެފަދަ ބޭފުޅުންގެ ސާމްޕަލްތައް މިއަދު ނަގާފައިވާ ކަމަށްވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.
އެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރަމުން ކޮވިޑް-19 ގެ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ބަޔަކު ފަތުރަމުންދަނީ ވަރަށް ނޭދެވޭ ވާހަކަތަކެއް ކަމަށެވެ.
ކަރަންޓީން ކުރުމާއި، އައިސޮލޭޓް ކުރުމުގައި ވަކި މީހަކަށް ތަފާތެއް ނުކުރާ ކަމަށެވެ. އަދި ރާއްޖެ އަންނަ އެންމެން ކަރަންޓީން ކުރަން ސަރުކާރުން ނިންމި ފަހުން އެއްވެސް މީހަކާމެދު އެހެން ގޮތަކަށް އަމަލު ކޮށްފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދުވެސް ކަރަންޓީން ފެސިލިޓީތަކުގައި ސަރުކާރުގެ އެކި ލެވެލްގެ ބޭފުޅުންނާއި އެފަދަ ފަރާތްތަކުގެ އާއިލީ ބޭފުޅުން އަދި ކެބިނެޓް މިނިސްޓަރުންގެ އާއިލީ މެންބަރުން ވެސް އެބަ ތިބި ކަމަށް މަބުރޫކް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން، މިހާރުވެސް ކަރަންޓީން ފެސިލިޓީތަކުގައި އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި އެ ބޭފުޅުން އެ ވިދާޅުވާ އެކި ފަންތިތަކުގެ ބޭފުުޅުންނާއި، އެ ބޭފުޅުންގެ ދަރިންނާ، ކެނބިނެޓް މިސްޓަރުންގެ އާއިލާތައް ވެސް އެބަ ތިއްބެވި. މިކަމުގައި ދިވެހި ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅުގަނޑުމެން ނާޅާނެ ފިޔަވަޅެއް ނެތް. އަދި ވަކި މީހަކަށްވީތީވެ އިސްތިސްނާއެއް ނޯވޭ." މަބުރޫކް ވިދާޅުވިއެވެ.
މަބުރޫކް މިދިޔަ މަހުގެ 14 އިން 18 އަށް އިނގިރޭސިވިލާތުން ރާއްޖެ އައި ހުރިހާ ދިވެހިން ޓެސްޓް ކުރަމުންދާ ކަމަށެވެ. މިއަދުގެ މިހާތަނަށް 45 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
އަޅުގަނޑު ދަންނަވާލަން ބޭނުން، މިހާރުވެސް ކަރަންޓީން ފެސިލިޓީތަކުގައި އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ރާއްޖޭގެ އެ ބޭފުޅުން އެ ވިދާޅުވާ އެކި ފަންތިތަކުގެ ބޭފުުޅުންނާއި، އެ ބޭފުޅުންގެ ދަރިންނާ، ކެނބިނެޓް މިސްޓަރުންގެ އާއިލާތައްވެސް އެބަ ތިއްބެވި. މިކަމުގައި ދިވެހި ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅުގަނޑުމެން ނާޅާނެ ފިޔަވަޅެއް ނެތް. އަދި ވަކި މީހަކަށްވީތީވެ އިސްތިސްނާއެއް ނޯވޭމުހައްމަދު މަބުރޫކް އަޒީޒް - ސަރުކާރުގެ ތަރުޖަމާން
ރާއްޖެއިން ކޮވިޑް-19 އަށް ހަތަރު ދިވެހިން މިހާރު ވަނީ ޕޮޒިޓިވެވެފަ އެވެ. އެއީ މުޅިންވެސް އިނގިރޭސިިިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭތީ އެކަމާއި ގުޅޭގޮތުން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ސަރުކާރަށް ފަންނީ ލަފައެއް ދީފައެވެ. އެ ލަފަޔާ ގުޅިގެން މަޝްވަރާ ކުރުމަށްފަހު އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިތުރު އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރަން ވެސް ނިންމާފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުކުރަން ވެސް ވަޒީރުންގެ މަޖިލީހުން ނިންމި އެވެ.