މާލޭގެ ބޯހިޔާވަހި ކަމަށް ލުޔެއް ހޯދަން މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ނިންމާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ހަވާލު ކުރުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި މާލޭގައި ބޯހިޔާވަހި ކަމަށް ލުޔެއް ހޯދައި ދިނުމަށް ސަރުކާރަށް ކުރެވެން އޮތް އެންމެ ބޮޑު އެއް ކަމަކީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންނާއެކު އެގްރީމަންޓް ހަދާ އެ ފްލެޓްތައް އެ މީހުންނަށް ކަށަވަރު ކޮށްދިނުން ކަމަށެވެ.
އަދި އެ ފްލެޓްތައް އަވަހަށް ނިންމާ ހައްގުވެރިންނާ ހަވާލު ކުރުމަށް ވެސް މުއިއްޒު ގޮވާލައްވާފައި ވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" ފްލެޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނައިގެން ފެއްޓެވި މަޝްރޫއެކެވެ.
ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 ފްލެޓްގެ މަސައްކަތް ނިމުމާ ހަމައަށް ގޮސްފައިވާއިރު، 2018 އިގެ ރިޔާސީ ދައުރު ނިމިފައި ވަނިކޮށް ހައުސިން މިނިސްޓްރީން ވަނީ 7000 ފެލްޓް ދޭނެ މީހުން ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން 5000 ފްލެޓް ދީފައިވަނީ ހައްގު ނޫން މީހުންނަށް ކަމަށް މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ފްލެޓު ހައްގުވާ ފަރާތްތަކަށް މި އަހަރު ތެރޭގައި ފްލެޓު ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" ފްލެޓުތައް ހޯދަން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް އުފައްދަވާފައިވާ ކޮމިޓީން ކުރަމުން އަންނަ މަސައްކަތް މިހާރު އޮތީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.