މިއަދަކީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަން އަށް ދިން ޓެރަރިސްޓް ހަމަލާއަށް 14 އަހަރު ފުރުނު ދުވަހެވެ.
އެދުވަހުގެ ހަމަލާތަކުގައި އެމެރިކާގައި ތިންހާހެއްހާ މީހުން މަރުވިއެވެ. އެމެރިކާއިން މިދުވަސް ފާހަގަ ކުރަނީ އެގައުމުގެ ތާރީހު ދުށް އެންމެ ކަޅު ދުވަހުގެ ގޮތުގައެވެ. އެދުވަހަކީ އެމެރިކާ މުޅިން ބަދަލުކޮއްލި ދުވަހެވެ. އަދި އެގައުމުން ދުނިޔޭގެ އެހެން ގައުމުތަކާމެދު އަމަލުކުރާ ގޮތް ވެސް މުޅިން ބަދަލުވެގެން ދިޔަ ދުވަހެވެ.
ގްރައުންޑް ޒީރޯ ނުވަތަ ވޯލްޑް ޓަރޭޑް ސެންޓަރު ހުރި ތަނަކީ މިއަދުގެ އެންމެ ހާއްސަ ރަސްމިއްޔާތު އޮތް ތަނެވެ. އެދުވަހުގެ ހަމަލާތަކުގައި މަރުވި މީހުންގެ ނަންތައް އިއްވައި އެމީހުންގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.
ވޮޝިންޓަންގައި ހުންނަ ރިޔާސީގަނޑުވަރު ވައިޓް ހައުސްގައި ރައީސް ބަރަކް އޮބާމާ ވެސް ވަނީ މި މުނާސަބަތުގައި ރަސްމިއްޔާތެއް ބާއްވައި ހަމަ ހިމޭން ކަމުގެ ސުކޫތެއް ގެނެސްފައެވެ. އަދި އަސްކަރިއްޔާ އާއި އެކު ޓައުން ހޯލް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު ސެޕްޓެމްބަރު އެގާރައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ބައްދަލު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދުވަހުގެ ހަރަކާތްތަކުގައި ފެންނަމުންދަނީ ހިތާމަވެރިކަމާއި އެކަކު އަނެކަކަށް ހިތްވަރުދިނުމެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަލިފާން ނިއްވާ ތިންސަތޭކަ މީހުންނާއި އެތައް ފުލުހުންނެއް ހިމެނެއެވެ. ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަނަށް ދިން ހަމަލާގެ އިތުރުން ހަމަ މި ދުވަހު ޕެންސަލްވޭނިޔާގެ ހުސްބިމަކަށް ބޯޓެއް ވައްޓާލައި ސަތޭކައެއްހާ މީހުން މަރާލިއެވެ. ލަފާކުރެވޭ ގޮތުގައި މި ބޯޓަކީ ވެސް އިމާރާތަކަށް އަރުވާލުމަށް ހައިޖެކް ކުރި ފަރާތްތަކުން މަސައްކަތް ކުރި ބޯޓެކެވެ. އެހެން ނަމަވެސް ބޯޓުގެ ފަސިންޖަރުންނާއި ހައިޖެކް ކުރިމީހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކާހެދި އަސްލު އަމާޒަށް ވާސިލު ނުވެވޭނެހެން ހީވުމުން ހައިޖެކް ކުރި މީހުން ހުސް ބިމަކަށް ބޯޑުވައްޓާލީއެވެ.
އެމެރިކާގެ މި ތާރީހީ ކަޅު ދުވަހާ ދިމާކޮށް ޓެރަރިސްޓުން ހަމަލާއެއް ދީފާނެތީ އެމެރިކާ ގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރެއެވެ. މިގޮތުން ކެންސަސް ސިޓީގައި އޮންނަ ހިތާމަ ފާޅުކުރުމުގެ ރަސްމިއްޔާތެއްގައި ބޮމެއް ގޮއްވާލަން ތައްޔާރުވަމުންދިޔަ އެމެރިކާގެ ވިހި އަހަރުގެ ޒުވާނަކު ފުލުހުން ވަނީ ބުރާސްފަތި ދުވަހު ހައްޔަރު ކޮއްފައެވެ.
އެމެރިކާ ސިއްސުވާލި މި ހަމަލާތަކާ ގުޅިގެން އެގައުމުން ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ "ވޯ އޮން ޓެރާރ" އިއުލާނުކުރިއެވެ. މި ހަނގުރާމައިގެ މައިގަނޑު ބޭނުމަކަށް އޭރުވީ އަލްގައިދާ އާއި ތޯލިބާނުންގެ ދުވަސް ދުއްވާލުމެވެ. އެހެން ނަމަވެސް އަދި އަދަށް ދާންދެން ވެސް މިކަން އެމެރިކާއާއި މި ހަނގުރާމައިގާ ބައިވެރިވި ފަރާތްތަކަށް ކާމިޔާބު ވެފައެއް ނުވެއެވެ. މި ހަނގުރާމަ ފެށީ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އެވެ. މި ހަނގުރާމަ އެމެރިކާއިން އިތުރަށް ކުރިއަށް ނުގެންދާ ކަމަށް 2013 ވަނަ އަހަރު ބަރަކް އޮބާމާ އިއުލާނު ކުރެއްވިއެވެ. ސަބަބެއް ކަމަށް އޮބާމާ ވިދާޅުވީ އެމެރިކާއިން ހަނގުރާމަ ކުރާނީ އެމެރިކާއާއި ދުނިޔޭގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބެލެވޭ ވަކި ވަކި ފަރާތްތަކާ ކަމަށާއި މުޅި ދުނިޔެއަށް އަމާޒުވާ، ހުޅުވާލެވިފައިވާ ގްލޯބަލް ހަނގުރާމައެއް ނުކުރާނެ ކަމަށެވެ.
އެމެރިކާއިން މި ހަމަލާއާއި ގުޅިގެން ފެށި ހަނގުރާމައިގާ މިހާތަނަށް އެގައުމަށް ކާމިޔާބު ކުރަވުނު ކަންކަމަށް ބަލާއިރު އަފްގާނިސްތީނުގައި އޭރު އޮތް ތޯލިބާނުންގެ ވެރިކަން ނިމުމަކަށް ގެނައުމާއި، އުސާމާ ބިން ލާދިން މަރާލުމާއި، ސައްދާމް ހުސެންގެ ވެރިކަން ނިމުމަކަށް ގެނެސް އޭނާ އަވަހާރަ ކޮއްލުން ހިމެނެއެވެ. އެމެރިކާގެ މި ހަނގުރާމަ އަކީ ވަރަށް ގިނަ ބައެއްގެ ނުރުހުން އެމެރިކާއަށް އަމާޒުވާ މައިގަނޑު ސަބަބު ކަމަށް ވަނީ ވެފައެވެ. އެމެރިކާގެ ހަމަލާތައް މުޅިންހެން އަމާޒުވަނީ މުސްލިމް ދުނިޔެއަށް ކަމަށް ވާއިރު، މުސްލިމުން އެމެރިކާއާމެދު ދެކޭ ގޮތް މި ހަނގުރަމައާއި ހެދި ވަރަށް ބޮޑަށް ގޯސް ވެފައިވެއެވެ. އަދި ހަރުކަށި ފިކުރުގެ މުސްލިމް ހަނގުރާމަވެރިންގެ ސަބަބުން ދުނިޔެ މުސްލިމުންނާ މެދު ދެކޭ ގޮތް ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ހުރިހާ ކަމެއް ވެސް ފަހުގެ ތާރީހަށް ބަލާއިރު ގޮސް ގުޅެނީ 2011 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ އެގާރަ ވަނަ ދުވަހު އެމެރިކާއަށް ދިން ހަމަލާއަށެވެ. މި ހަމަލާގެ ޒިންމާ އަލްގައިދާއިން އުފުލާފައި ވިޔަސް، މި ހަމަލާގައި އަދިވެސް ޖަވާބު ނުލިބޭ ކިތަންމެ ސުވާލެއް ހުރިކަން ވެސް ފާހަގަ ކުރެވެއެވެ. -- މައުލޫމާތު : ސީއެންއެން، ޔޫއެސްއޭ ފޮރިން އެފެއާޒް، ދަ ގާޑިއަން