ރާއްޖޭގެ އެންމެ ގިނަ ސަފާރީ ގެންގުޅޭ ކުންފުނި ކަމަށްވާ "އެކޯ ޑައިވް" ގެ ހުރިހާ މުވައްޒަފުންނަށް ކުރިއަށް އޮތް މަހު މުސާރަ ނުދީ ނޯޕޭއަށް ދާން މަޖުބޫރު ކުރަމުންދާ ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން މިއަދު ބުނެފި އެވެ.
"އެކޯ ޑައިވް" ކުންފުނީގެ މުވައްޒަފުންނަށް މެނޭޖުމަންޓުގެ ފަރާތުން ފޮނުވާފައިވާ އެގްރީމެންޓުގެ ކޮޕީއެއް އަވަސް އަށް ވަނީ ލިބިފަ އެވެ. އަދި މި ފަދަ އެގްރީމެންޓުތައް ބައެއް އެހެން ކުންފުނިތަކުން ވެސް މުވައްޒަފުންނަށް ފޮނުވަމުންދާ ކަމަށް ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ކުރީގެ ލިވް ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އަދި މިހާރުގެ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވެސް އަވަސް އަށް ވަނީ ޔަގީންކޮށްދީފަ އެވެ.
"އެކޯ ޑައިވް" ކުންފުނީގައި މަސައްކަތް ކުރާ ސީނިއަ މުވައްޒަފަކު އަވަސް އަށް މިއަދު ބުނި ގޮތުގައި ހަ ސަފާރީ އޮޕަރޭޓް ކުރާ އެ ކުންފުނީގައި ޖުމްލަ 100 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރާއިރު ކޮންމެ ބޯޓެއްގައި ހަ ދިވެހިން މަސައްކަތް ކުރެ އެވެ. އަދި އެ ކުންފުނިން ވަނީ އެ މުވައްޒަފުން މިއަދު 4:00 ގެ ކުރިން "ވޮލަންޓަރީ ނޯޕޭ އެގްރީމެންޓް" ގައި ސޮއިކުރަން އަންގާފަ އެވެ.
"މި މަހުގެ 22 ގައި ދަތުރު ނިންމީ. ނިންމާފަ އައިތަނުން މެނޭޖަރު ގުޅާފަ ބުނީ މިހާރުގެ ހާލަތު އޮތް ގޮތުން ހުރިހާ މުވައްޒަފުން ނޯޕޭއަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް. ނޯޕޭ ނަގައިގެން ދާ މީހުންނަށް އިގްތިސޯދީ ހާލަތު ރަނގަޅުވީމަ ވަޒީފާ ލިބޭނެ ކަމަށް. އެކަމަކު ކިހިނެއްތޯ އެކަން ވާނީ؟ އިއްޔެ ދަތުރު ނިންމީ، އަންނަ މަހަށް މުސާރައެއް ނުދޭނެ ކަމަށް އެ އެންގީ. ކުރިއަށް އޮތީ ރޯދަ މަސް ރޯދަ މަހު އެގޮތަށް ހެދީމަ އަޅުގަނޑުމެންގެ އާއިލާތައް ބިކަ ވެގެން ދާނެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
ސަފާރީތަކުގެ މުވައްޒަފުގެ ވަޒީފާތައް ސަލާމަތް ކުރުމަށް ފިޔަވަޅު އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން، އެންބީއޭއެމް އިން ވަނީ އެދިފަ އެވެ. އެ ޖަމިއްޔާ އިން ވަނީ "އެކޯ ޑައިވް" ކުންފުނީގެ ނިންމުން ބަދަލު ކުރަން ވެސް އެ ކުންފުނީގައި އެދިފަ އެވެ.
ސަރުކާރުން ވަނީ ކޮވިޑް-19 އިގެ ބަލާއާފާތުގެ ސަބަބުން މުވައްޒަފެއްގެ ވަޒީފާ ގެއްލިއްޖެނަމަ އެ މުވައްޒަފަކަށް ތިން މަސް ދުވަހަށް އިނާޔަތެއް ދޭނެ ކަމަށް ބުނެފަ އެވެ. އެކަމަށްޓަކައި 1.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހާއްސަކޮށްފަ އެވެ. މި ހާލަތުގައި ވަޒީފާ ގެއްލޭ ފަރާތް ތަކުން އިކޮނޮމިކް މިނިސްޓްރީގެ ޖޮބްސެންޓަރު އެމްވީ ގައި ރަޖިސްޓްރީ ކުރަން ސަރުކާރުން ވަނީ އެދިފަ އެވެ.