ހަބަރު

އަދިވެސް މުސާރައިގެ މައްސަލަ އެބަހުރި އެކަމަކު އުފާވެއްޖެ: ޓޭމް

Jan 7, 2015
1

ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ޓީޗަރުންގެ މުސާރަށް ބޮޑުކޮށް ދެއްވަން ނިންމަވައި އެކަން ރައީސް އިއލާން ކުރެއްވުމުން ޓީޗަރުންނަށް ވަރަށް އުފާވެއްޖެ ކަމަށާއި އެކަމާ ޝުކުރު އަދާ ކުރާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ.

ރާއްޖޭއިން ބޭރުގައި ހުންނަވައިގެން އެ ޖަމިއްޔާގެ ރައީސް އާތިފު އަބްދުލް ހަކީމް މިއަދު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނެސް ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ އިއުލާން ކުރެއްވި ބަދަލުގެ ސަބަބުން  ކޮންމެ ޓީޗަރަކަށް ވެސް 1000ރ. އިތުރު ވެގެންދާނެ ކަމަށާއި އެ ބަދަލުގެ ސަބަބުން ހުރިހާ ޓީޗަރުންނަށް ވެސް ހިތްހަމަ ޖެހުމެއް ލިބޭނެ ކަމަށެވެ. ނަމަވެސް އަދި ވިސްނާލަންޖެހޭ ބައެއް ކަންކަން އެބަކަންކަން އެބަހުރި ކަމަށެވެ. އެގޮތުން މާސްޓާސް ފެންވަރުގެ ޓީޗަރުންނަށް ލިބޭ ބައި ކުޑަވާ ކަމަށް އާތިފު ވިދާޅުވި އެވެ.

"ބައެއް ކަހަލަ އިލްމީ ފާސްތައް އޮތް ޓީޗަރުންނާ އާދައިގެ ޓީޗަރުންނާ ވަރުން އަޅުވާއިރު ކޮންމެވެސް އިލްމީ ބޭފުޅުންނަށް ތަފާތެއް އެބައާދޭ އެހެންވީމާ އެއީ ވިސްނާލަން ޖެހޭ،" އާތިފު ވިދާޅުވި އެވެ. "އެކަމަކު އެއީ ހުރިހާ ޓީޗަރުންނަށް ވެސް އުފާވެރި ހަބަރެއް އެންމެނަށް އެ ބަދަލުން ރަނގަޅުވަންޏާ ރަނގަޅު،"

ރައީސް ރޭ ވިދާޅުވީ ދިރާސީ އަހަރު ފަށާއިރު ޓީޗަރުންގެ މުސާރަ، މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަ ނުވާވަރުގެ މުސާރައިގެ ކުރި އެރުމަށް ދެއްވާނެ ކަމަށާއި މުސާރައިގެ އޮނިގަނޑު މިއަދު މުޅީން ފައިނަލް ވާނެ ކަމަށެވެ.

"މި މަސައްކަތްތައް ރައީސް އޮފީހުގައި އަޅުގަނޑު ވަރަށް ގާތުން ކުރީ [އެހެންކަމުން] ޓީޗަރުންގެ [މުސާރައިގެ] އޮނިގަނޑަށް އަންނަ ބަދަލުތަކާއި ކަންކަން މާދަމާ [މިއަދު] ފައިނަލް ވާނެ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ދޭން ބޭނުންވާ އުފާވެރި މެސަޖަކީ ޓިޗަރުންނަށް އިރާދާ ކުރެއްވިއްޔާ މި ދިރާސީ އަހަރު ފެށޭއިރު ޓީޗަރުންގެ މުސާރަ، މުސާރައިގެ ތިން ބައިކުޅަ އެއބަޔަށްވުރެ ކުޑަ ނުވާވަރުގެ މުސާރައިގެ ކުރި އެރުމެއް ޓީޗަރުންން ލިބޭނޭ،"

ޓީޗަރުންގެ މުސާރައިގެ މައްސަލައިގައި ޓީޗަރުން ވަނީ ދެ ފަހަރެއްގެ މަތިން އިތިޖާޖްކޮށްފައެވެ. އަދި އެކަމާ ގުޅިގެން ޓީޗާސް އެސޯސިއޭޝަނުން ވެސް މިދިއަ ދުވަސްތަކުގައި ގިނަ ކަންތަކެއް ރާވައި ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައެވެ. މުސާރައިގެ މައްސަލައިގައި ޓީޗަރުން އިހުތިޖާޖް ކުރުމުން ތަފާތު މައްސަލަތައް ވެސް ކުރިމަތިވި އެވެ.

މި އަހަރުގެ ދިރާސީ އަހަރު ފެށޭނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.