ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރާއްޖެ "ޖަޒީރާ" ކުރެވިއްޖެ، ދެން ރަށަށް ދޭ!

Apr 4, 2020
22

މާލެ އާއި ރާއްޖޭގެ އެހެން ހުރިހާ ރަށްތަކާ ދެމެދު ހުންނަ ފަރަގުގެ ވާހަކައަކީ އެންމެ މުސްކުޅި ޝަކުވާ އެވެ. ދައުލަތް ހިންގުމުގައި ވެރިރަށަށް ހުރިހާ ބާރުތަކާއި ވަސީލަތްތައް ޖަމާ ކުރުމުގެ ޒިންމާ ބޮލު އަޅަން ނުޖެހޭ ސަރުކާރެއް އަދި ނާދެ އެވެ. މާލެ ތޮއްޖެހި، މުޅި ދުނިޔޭގައިވާ ނިސްބަތުން އެންމެ އާބާދީ ބޮޑު ވެރިރަށުގެ ލަގަބު ހޯދައި ދިނީ އަހަރުތަކަކަށް ދިގު ދެމިގެންދިޔަ އިހުމާލަކުންނެވެ. ނަމަވެސް ލީޑަރުން ސިޔާސީ ގޮތުން ކޮށިއަރާ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ ނަގާ ހަތިޔާރަކީ ނޫނީ ސަމާލުކަން އަނބުރާލާ އުކުޅަކީ މާލެ-ރާއްޖެތެރޭ ބަހުސެވެ. މި ޒަމާންވީ ބަހުސް ގިނައިން ފެންމަތިކޮށް، ރައްޔިތުން ޖައްސައި ފިއްތަނީ، ބޯހިޔާވަހިކަމުގެ ވާހަކަ ތެދުވާ ދަނޑިވަޅުތަކުގަ އެވެ. އެކި ފަހަރު މަތީން، އެކި ގޮތްގޮތަށް އެ އުކުޅު އެކި ސިޔާސީ ލީޑަރުން ބޭނުން ކުރައްވަ އެވެ.

"ޖަޒީރާ ރާއްޖެ" ގެ ހިޔަލުގައި ވެރިކަމަށް އައި މި ސަރުކާރުން ބަދަލެއް ގެންނާނެ ކަމަށް އުއްމީދު ކުރެވުނެވެ. އަތޮޅުތަކުގެ ތެރެއިން މާލެއަށް މީހުން ހިޖުރަކުރަން ހުއްޓުވޭނީ ވަސީލަތްތައް ގާއިމު ކޮށްދީގެން ކަމުގެ ހަގީގަތަށް މި ސަރުކާރު ކުލަ ޖައްސައިދޭނެ އެވެ. ރަށުގައި ހުރެގެން އާމްދަނީ ހޯދޭނެ މަގެއް ކޮށައިދިނުމުގެ އުއްމީދެވެ. އަމިއްލަ ފަސްގަނޑުގައި ތައުލީމާއި ސިއްހީ ހިދުމަތް ލިބިގެންދާނެ ކަމުގެ ދިގު އިންތިޒާރު ނިމުމަކަށް އަންނާނެ އެވެ. ޖުމްލަކޮށް ބުނާ ނަމަ، ވެރިކަމަށް އައުމުގެ ކުރީން ސަރުކާރުގެ ވިސްނުމަކީ ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަ ފުރުސަތުތައް ފަހިކޮށްދިނުމެވެ. ލާމެހޭ ރަށްތަކަކުން ގުޅައިލުމެވެ.

މިހާރު ރާއްޖެއަށް ވެސް ކުރިމަތިވެގެން އުޅޭ ކޮވިޑް-19 އިގެ ބަލާއާފާތާއެކު ގައުމުގެ އިގުތިސޯދު މި ވަނީ ފުންވަޅުގަނޑަށް ވެއްޓިފަ އެވެ. ވަޒީފާތަކުން މީހުން ވަކި ކުރަން ފަށައިފި އެވެ. ކުންފުނިތައް ބަނގުރޫޓުވާން ފަށައިފި އެވެ. ކުލި ދެއްކޭނެ ގޮތެއް ނެތި ގިނަ ބަޔަކު މަގުމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މަގޫފާތާ ހަމައަށް ދާންޖެހޭ ފަދަ ޒަމާނެއް ނޫނަސް ރާއްޖެ މިއޮތީ ތަދެއްގެ ތެރޭގަ އެވެ. މިފަދަ މާޔޫސްކަމާއި ހިތްދަތި ވަގުތެއްގައި ރައްޔިތުން އެނބުރޭނީ، އެ މީހުން އަތުން ރޮއެ އާދޭސް ކޮށްގެން ވޯޓު ހޯދައިގެން އިންތިހާބުކޮށްފައިވާ ސިޔާސީ ލީޑަރުންނާ ދިމާއަށެވެ.

އުއްމީދުގެ އަލިކަން ފެންނާނެ ކަމުގެ އުއްމީދުގައި ތިބި އެތައް ބަޔަކަށް ލިބިގެން ދިޔައީ އިތުރު މާޔޫސް ކަމެކެވެ. މާލޭގައި ބޮޑު އަގުގައި ކުލި ދައްކައިގެން އުޅޭ ރަށްރަށުގެ މީހުންގެ ތެރެއިން ކުލި ނުދެއްކޭ ވަރަށް ހާލުގައި ތިބި މީހުން ރަށަށް ބަދަލު ވުމަށް ގޮވާލަން ފަށައިފި އެވެ.

އެ ވާހަކަ އައީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ރައްޔިތުންގެ މަޖިލީހުގައި މިދިއަ ހަފުތާގެ ތެރޭގައި ދެއްކެވި އެ ވާހަކަފުޅާއެކު އެތައް ބަޔަކު ވަނީ ރުޅިގަދަވެފަ އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާއިރު، މިދިއަ ހަފުތާގެ ޖަލްސާތަކުގައި މަސައްކަތް ކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ދަށްވާތީ ސަރުކާރުން ތައާރަފު ކުރި އިކޮނޮމިކް ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލައިގެ މަސައްކަތެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި އެ މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު އީސަ ވިދާޅުވި ގޮތުގައި އިގްތިސޯދު ދަށްވެފައިވާ ހާލަތުގައި ގިނަ ބައެއްގެ ވަޒީފާތައް ގެއްލެމުން އެބަދެ އެވެ. މާލޭގައި ކުއްޔަށް އުޅޭ މީހުނަށް ކުލި ނުދެއްކޭ ހާލަތަށް ގޮސްފައިވެ އެވެ. ކުލި ނުދެއްކޭ ފަދަ ހާލަތުގައި ތިބި ފަރާތްތަކުން އަމިއްލަ ރަށަށް ބަދަލު ވާންވީ އެވެ.

އެއާ ގުޅިގެން އުފެދުނު ރުޅިގަނޑުގެ ހޫނުކަން ރަނގަޅަށް ވިހެ ނުލައިގެން އުޅެނިކޮށް، ރާއްޖޭގައި ގިނަ ބައެއްގެ ސަޕޯޓް އޮންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ދެއްކެވި ވާހަކަފުޅާއެކު ހައިރާންކަން ލިބުނެވެ. އީސަ ދެއްކެވި ވާހަކަ ދިފާއު ކުރައްވައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދެއްކެވުމުން ރުޅި އަންނަންވެސް ނޭގިފައި ތިބި މީހުން މަދެއް ނޫނެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލާގައި މެންބަރު ބޭނުން ކުރެއްވި ބަސްތައް ފަހަރެއްގައި އެންމެ އެކަށީގެނެއް ނުވެ އެވެ. އެކަމަކު މެންބަރު ފާހަގަ ކުރެއްވި ނުކުތާ އެ މަނިކުފާނަށް ރަނގަޅެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ގަބޫލު ކުރަން ދަތި ތެދު ހަގީގަތް ސިޔާސީ ލީޑަރުން ހާމަ ކުރައްވަން ޖެހޭނެ އެވެ. އެ ފަދަ ހަގީގަތްތައް ހާމަ ކުރުމުން ބައެއް އާންމުންގެ ނުރުހުން ވެސް އަމާޒުވެ އެވެ. ނަމަވެސް އެ ކަން އޮންނަނީ އެ ގޮތަށެވެ.

"ކެނދިކުޅުދޫ ދާއިރާގެ މެންބަރު އެއީ އާންމުކޮށް ސާފު ބަހުން އެފަދަ ހަގީގަތް ވިދާޅުވާ ބޭފުޅެއް! މެންބަރު ހުންނެވީ ކެނދިކުޅުދޫގައި، އަޅުގަނޑާ ގުޅުއްވި! ވިދާޅުވި މި ރަށުގައި ސޫފި ލަނޑާ އާލާކުރާ ޕްރޮގްރާމެއް ފެށިއޭ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި. މިހާރު ވެސް އާލާ ކުރަންވީއޭ... ކެނދިކުޅުދޫ މަދުރަސާ ރަނގަޅޭ... ގެތައް ތަނަވަހޭ!" އީސަގެ ވާހަކަ ދިފާއު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މާލެއަކީ "ޓައިމް ބޮމެ"ކެވެ. ރޯގާ ވެސް ފެތުރިއްޖެނަމަ ކޮންޓްރޯލް ނުކުރެވޭ ވަރަށް މާލެ ތޮއްޖެހިފައިވާއިރު، މި ކަމުން ރައްކާތެރި ވުމަށްޓަކައި މާލެއަށް ލުއި ދޭން ޖެހެ އެވެ.

"މާލެއަކީ ޓައިމް ބޮމެއް، ރޯގާގެ ވެސް ޓައިމް ބޮމެއް، މި ރޯގާއަށްޓަކައި ވެސް މާލެ ލުއި ކުރަން ޖެހޭ!" ރައީސް ނަޝީދު ވިދާޅުވި އެވެ.

މާލެ ލުއި ކުރަންޖެހޭ ކަން ނަޝީދަށް ވިސްނި ވަޑައިގަތީ، ދިވެހި ރައްޔިތުންނަށް އެންމެ ދަތިކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ހެއްޔެވެ؟ ޅަ އުމުރުއްސުރެ ވަޒީފާ އަދާކުރާ ތަނުން، ކުއްލިއަކަށް މުސާރަ ނުދީ ގެއަށް ފޮނުވާލީމާ، ނަޝީދު އެ ވިދާޅުވާހާ ފަސޭހައިން އެނބުރި ރަށަށް ގޮސް، އާއިލާ ބެލެހެއްޓޭނެ ފަދަ އާމްދަނީ އެއް ހޯދޭނެ މަސައްކަތެއް ކުއްލިއަކަށް ފެށޭނެ ހެއްޔެވެ؟

އަދި ނަޝީދު އެ ލަފާ ދެއްވި ގޮތަށް މަސައްކަތެއް ފެށުނަސް، ދިރިއުޅުމުގެ އެހެން ކަންކަން ކޮބައި ހެއްޔެވެ؟ މާލޭގައި އުޅެނީ ހުސް ކެނދިކުޅުދޫ މީހުން ހެއްޔެވެ؟ ކެނދިކުޅުދޫގެ މަދުރަސާ ރަނގަޅޭ ވިދާޅުވިޔަސް، އެހެން ރަށްތަކުގެ ސްކޫލްތަކުގެ ފެންވަރު ނަޝީދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ނޫނީ އަތޮޅުތަކުގެ ތެރެއަށް ނިސްބަތްވާ ކުދީންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވެސް މިހާރު ހައްގު ނުވަނީ ހެއްޔެވެ؟ އެހެންނާ ހުއިފިލަނޑާ އަކީ ހުރިހާ ބަލިތަކެއްގެ ޝިފާއަކަށް ވެސް މިހާރު ބަދަލުވީ ހެއްޔެވެ؟

ނަޝީދު އިސްވެ ފާއިތުވި ތިން އަހަރެއްހާ ދުވަހު ކެނޑެނޭޅި "ޖަޒީރާ ރާއްޖެ" އޭ ކިޔައިގެން ރައްޔިތުންނަށް ދެއްކި ފޮނި ހުވަންފެންތައް އަދިވެސް އޮތްގޮތަށް އޮތީ އެވެ. ބިޔަ މަޝްރޫއުއެކޭ ބުނެ މި ސަރުކާރުން ވެސް އަޅަނީ މާލެ ސަރަހައްދުގައި ކަނޑު ހުރަސްކޮށް ބުރިޖެކެވެ. އަތޮޅުތަކުގެ ތެރެއަށް އަދި ކޮށްދެވުނު އެއްވެސް ކަމެއް އަދި ހަރާމެވެ.

ނަޝީދު ވިދާޅުވިޔަސް، މި ފަހަރު ތިޔަކަން ތިޔަގޮތަށް ކުރެވޭކަށް ގިނަ ރައްޔިތުންނަކަށް ނޯންނާނެ އެވެ. އެއީ އެގޮތް ބޭނުން ނުވާތީއެއް ނޫނެވެ. އެކަން ކުރެވެން ނެތީ އެވެ. "ރަށަށް ދަހަރޭ" ބުންޏަސް ދާންވީ ކޮން ރަށަކަށް ކަމެއް ގިނަ ބަޔަކަށް ނުވެސް އެނގެ އެވެ. އެނގޭކަން ބޭނުމެއް ވެސް ނުވެއެވެ. އަދި އެނގުނަސް، ރަށަށް ގޮސް ވަންނާނެ ތަނެއް ނުހުންނާނެ އެވެ. އަދ ދިޔަޔަސް، އަނެއްކާވެސް އުޅެންޖެހޭނީ ހަމަ ކުއްޔަށެވެ.

ބޮޑު ބަލާމުސީބާތެއްގެ ތެރެއިން، ދަތިކަމެއް ކުރިމަތިވެފައި ވަނިކޮށް ކުއްލިއަކަށް މި ރަށުން ފައިބަށޭ ބުނުމުން އެކަމަށް އިޖާބައެއް ނުދެވޭނެ އެވެ. އޭގެ ބަދަލުގައި މީހުން އަންނާނީ ރުޅި އެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލެ-ރާއްޖެތެރެ މީހުން ދެނެއް ވަތްކެއް ނުކުރެވޭނެ އެވެ. މުޅި ދިރިއުޅުން ބިނާކޮށްފައި އޮތީ މި މާލޭގެ ފަސްގަނޑުގަ އެވެ. މާލޭގައި މިހާރު ދިރިއުޅޭނީ ހުސް މާލޭ ރައްޔިތުންނެވެ. ކުލި ނުދެއްކިގެން މަގުމަތިވިޔަސް، ދާނެ އިތުރު ތަނެއް ނެތެވެ. ދާކަށް ނުވެސް ޖެހެ އެވެ.