މައްކާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކެރޭނެއް ފުރޮޅާލައި 87 މީހުން މަރުވެއްޖެ އެވެ. މި ހާދިސާގައި އިތުރު 183 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާ ވެފައެވެ.
މިއަދު ހަވީރު މިހާދިސާ ހިނގިއިރު ހަރަންފުޅުތެރެ ވަނީ ފުރި ބާރުވެފައި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ކެރޭނު ފުރޮޅާލީ ހަރަންފުޅުގެ ތިންވަނަ ފަންގިފިލާއަށް ކަމަށް ވެސް ބުނެ އެވެ.
ދިވެހި ހައްޖު މިޝަނުން ބުނީ މި ހާދިސާގައި ދިވެއްސަކު މަރުވިކަން ވެސް އަދި އަނިޔާވި ކަމެއް ވެސް ސާފެއް ނުވާ ކަމަށާއި އެކަން ކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އޭނާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު ގިނަ ދިވެހިން ތިބީ ދަރުސެއް އަޑުއެހުމަށް ހޮޓަލުގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
މި ހާދިސާއަށް ފަހު އެތައް ބަޔަކު މަރުވެ އަދި ޒަހަމް ވެފައިވާ ފޮޓޯތައް އިންޓަނެޓުގައި ދައުރުވަމުން އެބަދެއެވެ. މި ހާދިސާ ހިނގީ މިއަދު ހަވީރު އައި ބާރުގަދަ ކޮޅިގަަނޑެއްގެ ތެރޭގައެވެ. ކެރޭން ވެއްޓުނު ސަރަހައްދު ބަންދުކޮށްފައިވާއިރު މަރުވެފައިވާ މީހުންނާއި ޒަހަމްވެފައިވާ ގިނަ އަދަދެއްގެ މީހުން އެމްބިއުލާންސް ތަކުގައި ދަނީ އުފުލަމުންނެވެ.
ސައުދީ ރަސްމީ ނޫސް ސައުދީ ގެޒެޓް ބުނާ ގޮތުގައި ހާދިސާއަށް ފަހ ުވަނީ މައްކާގެ ހޮސްޕިޓަލުތައް ކުއްލި ހާލަތަކަށް ގެނެސް ރެޑް އެލާޓް ނެރެފަ އެވެ. މީގެ އިތުރުން މަރުވި މީހުންގެ ހަށިތައް ނެގުމުގަ އާއި އަނިޔާވި މީހުންނަށް ފަރުވާ ހޮސްޕިޓަލަށް ފޮނުވުމުގައި ސައުދީ ސިފައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މި ހަރަކާތްތައް ހިނގަމުންދާއިރު އެ ސަރަހައްދުގައި ހައްޖާޖީޏް ތިބި ބައެއް ހޮޓާތަކުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ.
މި ހާދިސާ ހިނގި އިރު މައްކާ އަށް މިއަދު ހަވީރު ކުރި ވިއްސާރައިގައި އާދަޔާ ހިލާފާށް ބޯކޮށް ވާރޭ ވެހި ބައެއް ހިސާބުތަކުގައި ފެން ބޮޑުވެ ބައެއް ގެއްލުންތައް ލިބިފައި ވެއެވެ.
މި ހާދިސާ ހިނގި އިރު މިއަހަރު ރާއްޖެއިން 2000 މީހަކު ހައްޖަށް ގޮސްފައިވެއެވެ. އޭގެތެރެއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1300 މީހަކު ގޮސްފައިވާއިރު އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި ދިޔައީ 700 މީހުން ހިމެނެ އެވެ. މިއަދު މައްކާއަށް ބޯކޮށް ވާރޭ ވެހުނު އިރު އާދަޔާ ހިލާފަށް ބާރު މިނުގައި ވައި ޖެހި ވިދާ ގުގުރައި ހޮނު ވެސް އަޅާފައި ވެ އެވެ. ދިވެހިން ތިބޭ ހޮޓަލަކާ މާ ދުރު ނޫން ހިސާބެއްގައި ފަރުބަދައެއްގެ މަތީގައި ހުރި އިމާރާތަކަށް ހޮނު އެޅުމުގެ ސަބަބުން އެ އިމާރާތުގައި ވެސް ރޯވި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން ފަށާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.