ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާގައި 6.6 މިލިއަން މީހުންގެ ވަޒީފާ ގެއްލިއްޖެ

Apr 2, 2020

ވޮޝިންގްޓަން (އޭޕްރީލް 2) - ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއެކު، ވަޒީފާ ގެއްލިގެން އިނާޔަތް ހޯދަން 6.6 މިލިއަން މީހުން ހުށަހަޅައިފި އެވެ.

މިދިޔަ ހަފްތާ އާ އަޅާބަލާއިރު، ވަޒީފާ ގެއްލުނު މީހުންގެ އަދަދު ވަނީ ދެ ގުނައަށް އިތުރުވެފަ އެވެ. މިއީ އެމެރިކާގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ވަޒީފާ ގެއްލިގެން އިނާޔަތް ހޯދަން ފުރަތަމަ ފަހަރެވެ. ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަފްތާގައި އިއުލާނު ކުރެއްވި 2.2 ޓްރިލިއަން ޑޮލަރުގެ އިގުތިސޯދީ ޕެކޭޖުގެ ތެރެއިން، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އިނާޔާތް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާތީ، އެ އަދަދު މިހާރަށް ވުރެ އިތުރުވާނެކަމަށް އަންދާޒާ ކުރެވެ އެވެ.

އެ ޕެކޭޖުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް މާލީ އިނާޔަތެއްގެ ގޮތުގައި 250 ބިލިއަން ޑޮލަރާއި، ކުދި ވިޔަފާރިތަކަށް ލޯނު އެހީގެ ގޮތުގައި 350 ބިލިއަން ޑޮލަރާއި، ބައްޔާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް 250 ބިލިއަން ޑޮލަރުގެ އިތުރުން ވިޔަފާރިތަކަށް ލޯނު އެހީގެ ގޮތުގައި 500 ބިލިއަން ޑޮލަރެވެ.

އޭގެ އިތުރުން ހޮސްޕިޓަލުތަކަށާއި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސްޓޭޓުތަކުގެ ސަރުކާރުތަކަށް 280 ބިލިއަން ޑޮލަރެވެ.

އެމެރިކާއަކީ މިހާރު އެއް ގައުމަކުން އެ ބަލި ޖެހިފައިވާ އެންމެ ގިނަ މީހުން ފެނިފައިވާ ގައުމެވެ. އިއްޔެއާ ހަމައަށް އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 213،000 އަށް އަރާފައިވާއިރު، އިއްޔެ އެކަނި އެ ގައުމުގައި 884 މީހުން ވަނީ މަރުވެފަ އެވެ. އެއާއެކު ޖުމްލަ މަރުގެ އަދަދު ވަނީ 5،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ފަރުވާދޭން ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، އެމެރިކާގައި ރައްކާތެރިކަމުގެ އާލަތްތަކާއި ބޭސް ގާތްގަނޑަކަށް އެކީގައި ހުސްވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ބަލި ފެތުރޭ މިންވަރު މަދުކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ގިނަ ވިޔަފާރިތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.