ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޭސްތައް އިތުރުވެ ކެލިފޯނިއާގައި ފިޔަވަޅުތައް ހަރުކަށިކޮށްފި

Jul 14, 2020

ކެލިފޯނިއާ (ޖުލައި 14) - އެމެރިކާގެ އެންމެ އާބާދީ ބޮޑު ކެލިފޯނިއާ ސްޓޭޓުގައި ކޮވިޑް-19 އިގެ ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް ހަރުކަށި ކޮށްފި އެވެ.

ކެލިފޯނިއާގައި ރެސްޓޯރަންޓުތަކާއި، ޒޫތަކާއި، ދާރުލްއާސާރު ތަކުގައި އެތެރޭގެ ހަރަކާތްތައް ހުއްޓާލަން ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން، ޖިމްތަކާއި، ސެލޫންތަކުގެ އިތުރުން ފައްޅިތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ކެލިފޯނިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 330،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 7،000 އަށްވުރެ ގިނަ މީހުން ވަނީ އެ ބަލީގެ ޝިކާރައަކަށް ވެފަ އެވެ.

ގާތްގަނޑަކަށް 40 މިލިއަނެއްހާ މީހުން ދިރިއުޅޭ ކެލިފޯނިއާގައި ފިޔަވަޅުތައް އަލުން ވަރުގަދަ ކޮށްފައި މިވަނީ، ފާއިތުވި ދެ ހަފުތާގެ ތެރޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް 20 ޕަސަންޓް އިތުރުވުމާ ގުޅިގެންނެވެ.

ކޮވިޑް-19 އަވަހަށް ނެތިގެން ނުދާނެ ކަމަށާއި، އެ ބައްޔާ އެކީގައި ރައްޔިތުން ދިރިއުޅެން ދަސްކުރަން ކެލިފޯނިއާގެ ގަވަރުނަރު ވަނީ ގޮވާލައްވާފަ އެވެ.

މި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެމެރިކާގައި އެ ބަލި ޖެހުނު މީހުންގެ އަދަދު 3.3 މިލިއަން ހުރަސް ކޮށްފައިވާއިރު، އެ ބަލީގައި 135،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.