ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު ހަމީދު

މަގުމަތީ ޑިއުޓީގައި ބައިވެރިވެ ވަޑައިގެންފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ގްރޭޓާމާލެ ސަރަހައްދުގައި ކާފިއު އޮންނާނެ އެވެ.

ކޮންމެ ދުވަހަކުވެސް ކާފިއުގެ ގަޑިއަކީ ހަވީރު 5:00 ފެށިގެން ރޭގަނޑު 8:00 އެވެ.

މިއަދުގެ ކާފިއު ވަގުތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އެންގެވުން ތަންފީޒު ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ މަގުމަތީ ހަރަކާތްތެރިވެފައެވެ. އެގޮތުން 112 ފުލުހުން މިއަދު މާލެތެރެ ބެލެހެއްޓުުމުގައި ވަނީ ހަރަކާތްތެރިވެފަ އެވެ.

އެ ފުލުހުންނާއެކު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ މަގުމަތީގައި ފޯރި ބެލެހެއްޓުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ފުލުހުން ބުނީ ޖޫނިއާ ފުލުހުންނާއެކު ކޮމިޝަނާ ހަމީދު މިއަދުގެ ކާފިއު ވަގުތު މަގުމަތީ ޑިއުޓީ ކުރެއްވި ކަމަށެވެ. އަދި ކާފިއު ވަގުތު މަގުމަތީގައި އުޅުނު މީހުންނާ، ވެހިކަލް ދުއްވި މީހުން ހުއްޓުވާ އެމީހުންނަށް ސީޕީ ނަސޭހަތްތެރިވެ ވަޑައިގެންނެވި ކަމަށެވެ.

މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އިދާރާގެ އެންމެ އިސްވެރިން ވަނީ މިއަދު މާލެތެރެ ބެލެހެއްޓުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އެންގެވުން ފުލުހުންގެ އިދާރާއާ ކަމާގުޅޭ އިދާރާތަކުން ތަންފީޒު ކުރަމުންދާނެ ކަމަށާ އެކަމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ގޮވާލައްވާފަ އެވެ.

ފުލުހުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެންގުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާނެ ކަމަށާއި ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތްވެރިވެ އެކަން ތަކުރާރު ކުރާނަމަ ޖޫރިމަނާ ވެސް ކުރާނެ ކަމަށެވެ.

ކާފިއު ވަގުތުގައި ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނީގެ މުވައްޒަފުންނާއި އެ ތަންތަނުގެ އުޅަނދުފަހަރު ނުކުމެ އުޅުން މަނައެއް ނުވާނެ އެވެ.

އޭގެ ތެރޭގައި ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު އާއި، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އާއި އެމްބިއުލާންސް ހިމެނެ އެވެ. އަދި ވެމްކޯގެ މުވައްޒަފުންނާއި އުޅަނދުފަހަރުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އުރީދޫ އާއި ދިރާގާއި ބޭންކްތަކާއި އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އަޅައިގެން އުޅޭ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރަށް ވެސް އެ ވަގުތު މަގުތަކުގައި އުޅެވޭނެ އެވެ. ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރުތަކާއި ޑިޕްލޮމެޓިކް އުޅަނދުފަހަރުތަކަށް ވެސް ނުކުމެވޭނެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ކޮންމެ މީހަކަށް ވެސް އެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި އުޅެވޭނެ އެވެ.