އެޗްޕީއޭގެ ވެބްސައިޓް ހެކްކުރި ހެކަރުންނަށް ސިއްރު މަައުލޫމާތުތަކެއް ލިބިފައި ނުވާނެ ކަމަށް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅޭ ގިނަ މައުލޫމާތުތައް ހިމެނޭ އެޗްޕީއޭގެ ވެބްސައިޓް ހެކްކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެ ދުވަހު ވެބްސައިޓަށް ވަނުމުން ފޯވަޑް ވަނީ ޔޫޓިއުބް ވީޑިއޯއަކަށެވެ. އެ ވީޑިއޯގައި މާސްކެއް އަޅައިގެން ހުންނަ މީހަކު ބުނާ ގޮތުން ސަރުކާރުން ވަނީ ކޮވިޑް-19 އިހުމާލުވެފަ އެވެ. އަޅާފައިވާ ފިޔަަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
ނަމަވެސް އިތުރަށް މަޑެއް ނުކުރާނެ ކަމަށާއި ކޮމްޕިއުޓާ ސާވާތަކަށް ހަމަލާދީ ދައުލަތުގެ ސިއްރު މައުލޫމާތުތަކާއި ޑޮކިއުމަންޓުތައް ހާމަ ކުރާނެ ކަމަށާއި މިހާރުގެ ރޭވުންތަކަށް ބަދަލު ނުގެންނަ ނަމަ އެ ހަމަލާތައް ކުރިޔަށް ގެންދާނެ ކަމަށް ބުނެ އެވެ.
އޭގެ ފަހުން މިއަދު ބޭއްވި މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ އެކަން ކޮށްފައިވަނީ ރާއްޖޭގެ އައިޕީއަކުން ކަމަށާއި މައްސަލައިގެ ތަހުގީގު އެ މިނިސްޓްރީން ކުރިއަށް ގެންގޮސް އެކަމުގެ މައުލޫމާތު ފުލުހުންނާއި މިހާރު ހިއްސާ ކޮށްފައިވާ ކަމަށްވެސް މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ މި އަމަލަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާ އެކަން ކުރި ބަޔަކަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެޗްޕީއޭ ވެބްސައިޓް ހެކްކުރި ނަމަވެސް ސިއްރު މައުލޫމާތެއްް ހެކަރަށް ލިބިފައިނުވާ ކަމަށް ތަހުގީގު ޓީމުން ފާހަގަ ކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭގެ ވެބްސައިޓް ހެކްކުރި މީހުން ވަނީ ސީޕީ ހަމީދު ފެންނަ ކަމަށް ބުނާ ފޮޓޯތަކެއް ލީކް ކޮށްލާފަ އެވެ. ބަނގުރަލާއެކު ނައިޓް ކްލަބެއްގައި ތިއްބާ ފެނަން އެ ފޮޓޯތަކާއި ގުޅިގެން އަދި އެޗްޕީއޭގެ ވެބްސައިޓް ހެކްކުރި މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.