މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ޖެހުނު މީހުން އަދަދު މިލިއަނަކަށް އަރައިފި އެވެ.
މިދިޔަ ޑިސެންބަރު މަހު ފެތުރެންފެށި ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާއިންނެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ގައުމަކަށް މި ބަލި ފެތުރި މިރޭގެ ނިޔަލަށް މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށްވުރެ ގިނަވީއިރު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ބައި ލައްކަ ފަހަނައަޅާ ގޮސްފައެވެ. މިރޭގެ މިވަގުތާ ހަމައަށް 51 ހާހަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް ދައްކައެެވެ.
މިބަލި ޖެހުނު މީހުންގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާރުވެސް ހަތް ލައްކައަށްވުރެ ގިނަ އަދަދެއްގެ މީހުން ދަނީ މި ބައްޔާ ހަނގުރާމަ ކުރަމުންނެވެ. އޭގެ ތެރެއިން އެތައްހާސް ބަޔަކީ ވަރަށް ހާލަތު ދެރަ ބައެކެވެ.
ވަރަށް މަދު ގައުމަކުން ނޫނީ ކޮވިޑް19 ވަނީ ފެތުރިފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިއްސަކަށް ގައުމުން ނޫން އެހެން ހުރިހާ ގައުމަކުން މިހާރު ވަނީ ކޮވިޑް19 ގެ ބަލި މީހުން ފެނިފައެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ބައެއް ގައުމުތަކުގައި މި ބަލި ވަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ.
އެގޮތުން އިޓަލީ، އެމެރިކާ، ސްޕެއިން، ޖަރުމަން ފަދަ ގައުމުތަކުގައި މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެމެރިކާގެ 50 ސްޓޭޓުންވެސް މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ދެ ލައްކައަށްވުރެ އިތުރުވެފައެވެ. އަދި އިޓަލީ، ސްޕެއިން އަދި ޖަރުމަނުންވެސް ވަނީ ލައްކައަކަށް ވުރެ ގިނަ މީހުން މި ބަލި ޖެހިފައެވެ.
ބައެއް ގައުމުތަކުން މި ބަލީގައި ދުވާލަކު 800 މީހުން ދަނީ މަރުވަމުންނެވެ. އަދި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު މި ބައްޔަށް ޕޮޒިޓިވްވެއެވެ.
މިހާތަނަށް ރާއްޖޭގައި 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެ މިހާރު ތިބީ މޮނީޓަރިންގެ ކަރަންޓީނުގަ އެވެ. ޕޮޒިޓިވްވި ދެ އިޓަލީ މީހަކު ވަނީ ރާއްޖެއިން ގޮސްފަ އެވެ.
ފަރުވާދެމުން މިހާރު ދަނީ ހަތަރު މީހަކަށެވެ. އެއީ، އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ.
ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ގޮތުގައި އދ. އިން ވަނީ ސިފަކޮށްފައެވެ.
އަދި މިއީ ދުނިޔެއަށް ބަލާ މުސީބާތެއް ކަމުގައި ޑަބްލިއުއެޗްއޯއިންވެސް ވަނީ ކަނޑައަޅާފައެވެ. ކޮވިޑްގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ވަނީ ބޮޑެތި ގެއްލުންތައްވާން ފަށާފައެވެ.
އެކަމުގެ ސަބަބުން 25 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެކަމަށް އދ. އިން ވަނީ ލަފާކޮށްފަ އެވެ.