ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު ކޮވިޑް-19 އަށް އަނެއްކާ ވެސް ޕޮޒިޓިވް ވެއްޖެ އެވެ.
ޖެހިޖެހިގެން އޭނާ ޓެސްޓް ކުރަމުން ދަނީ ހަށިގަނޑުން މި ވައިރަސް ނައްތާލެވިއްޖެ ކަމުގެ އުންމީދުގަ އެވެ. ނަމަވެސް އަންގާރަ ދުވަހު ވެސް ޑޮކްޓަރުން ބުނެފައި ވަނީ ކަނިކާގެ ހަށިގަނޑުގައި އަދިވެސް ވައިރަސް ހުރި ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށެވެ. މިހާރު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުންދާ ކަނިކާއަށް ގެޔަށް ދެވޭނީ ދެ ފަހަރު މަތިން އޭނާގެ ނަތީޖާ ނެގެޓިވް ވީމަ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ލަކްނޫގައި ހުންނަ ސަންޖޭ ގާންދީ ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަންސްގައި މިހާރު އެޑްމިޓްކޮށްފައި އޮތް ކަނިކާގެ ހާލު އާދައިގެ ގޮތަކަށް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުގެ ޑައިރެކްޓަރު ވަނީ ވިދާޅުވެފަ އެވެ.
ޑައިރެކްޓަރު ވިދާޅުވީ ކަނިކާގެ ހާލު ދެރަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެކެވެ. އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.
"ބޭބީ ޑޯލް" ލަވައިން މަޝްހޫރުކަން ހޯދި ކަނިކާ ދަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ހާލަތު ފޭނުންނާ ހިއްސާ ކުރަމުންނެވެ. އޭނާ އެންމެ ފަހުން ބުނެފައި ވަނީ އައިސީޔޫއިން މިހާރު ނެރެފައިވާ ކަމަށާއި ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
އާއިލާ އާއި ދަރިން މަތިން ވަރަށް ހަނދާންވާ ކަމަށާއި އެމީހުން ދެކޭ ހިތްވާ ކަމަށް ވެސް ކަނިކާ ބުންޏެވެ.
ކަނިކާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މާޗް 20 ވަނަ ދުވަހު އެވެ. އެއީ ލަންޑަނަށް ކުރި ދަތުރަކަށްފަހު މާޗް ނުވަ ވަނަ ދުވަހު އެނބުރި އިންޑިޔާ އަށް އައިތާ އެތައް ދުވަހެއް ފަހުންނެވެ. ކަނިކާ ވަނީ ކަރަންޓީނު މުއްދަތު ހަމަވަންދެން ގޭގައި މަދުނުކޮށް އިންޑިޔާގެ އެކި ރަށްތަކަށް ދަތުރުކޮށް ގިނަ ޕާޓީ ތަކަކަށް ވެސް ގޮއްސަ އެތައް ސަތޭކަ ބަޔަކާ ބައްދަލުވެސް ކޮށްފަ އެވެ.
އަދި އޭނާގެ މި އަމަލުތަކުގެ ސަބަބުން އޭނާގެ ފަރާތުން ގިނަ ބަޔަކަށް ބަލި އަރާފާނެ ކަމުގެ ބިރު ބޮޑުވެ އެތައް 100 ބަޔަކު މިހާރު ވަނީ ކަރަންޓީނު ކޮށްފަ އެވެ. އިންޑިޔާގެ ފުލުހުން މިހާރު ވަނީ ކަނިކާގެ މައްސަލަ ކޯޓަށް ފޮނުވާނެކަމަށް ބުނެފަ އެވެ. އެއީ އޭނާގެ އިހުމާލުން އެތައް ބަޔެއްގެ ފުރާނަ އަށް ނުރައްކާ ވެފައި ވާތީ އެވެ.