ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ޗައިނާ މީހުންގެ އިހުތިޖާޖު ލަވައަކީ ބައްޕީ ލެހެރީގެ "ޖިމީ ޖިމީ"

މިއުޒިކް ޑައިރެކްޓަރު ބައްޕީ ލެހެރީގެ "ޖިމީ ޖިމީ" މިދުވަސްވަރު އަނެއްކާވެސް މާބޮޑަށް ވައިގައި ހިފައިގެން އެބަ އުޅެ އެވެ. ނަމަވެސް މި ލަވަ މިފަހަރު ވައިގައި ހިފީ އިންޑިއާ އަކު ނޫނެވެ. ޗައިނާގަ އެވެ.

ޗައިނާ މީހުންނަށް އަބަދުވެސް އިންޑިއާގެ ފިލްމުތަކާއި ލަވަތައް އަދި ސަގާފަތްތައް ވަރަށް ކަމުދެ އެވެ. އެގޮތުން "ޖިމީ ޖިމީ" މިދުވަސްވަރު އެމީހުން ބޭނުންކުރަމުންދަނީ ސަރުކާރާ ދެކޮޅަށް ނުސީދާ ގޮތަކަށް ކުރަމުންދާ މުޒާހަރާގައި ކިޔާ ލަވައެއްގެ ގޮތުގަ އެވެ.

"ޖިމީ ޖިމީ" އަކީ "ޑިސްކޯ ޑާންސާ"އަށް ބައްޕީ ލެހެރީ އުފައްދާފައިވާ ލަވަ އެކެވެ. މި ލަވައިގައި ހަރަކާތްތެރިވެފައިވަނީ މިތުން ޗަކްރަބަތީ އެވެ.

މިއީ ޑިސްކޯ ލަވަތަކުގެ ތެރެއިން މިއަދާ ޖެހެންދެން ވެސް ގިނަ ބަޔަކަށް ވަރަށް މަގުބޫލު ލަވަ އެކެވެ.

ޗައިނާ ސަރުކާރު ދެކެ އެ ގައުމުގެ މީހުން ރުޅިއައިސްގެން އުޅެނީ އެ ގައުމުގެ ރައީސް ގެންގުޅުއްވާ ޒީރޯ-ކޮވިޑް ޕޮލިސީގެ ސަބަބުން އެތައް ސިޓީއެއް ލޮކްޑައުންކޮށް އެ ސިޓީގެ އެންމެން ގެތަކުގައި ބަންދުކޮށްގެން އުޅޭތީ އެވެ.

އެހެންވެ ގެތަކުގައި ތާށިވެފައި ތިބި މީހުން "ޖިމީ ޖިމީ" ލަވަ ކިޔައި އެ ލަވަޔަށް އެކްޓްކޮށް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ގެންދަނީ އެއީ އެމީހުން ވާހަކަ ދައްކާ އުޅޭ މެންޑަރިން ބަހުން "ޖީ މީ، ޖީ މީ"ގެ މާނައަކީ 'ގިވް މީ ރައިސް' އަށް ވާތީ އެވެ. އަދި ޗައިނާގެ ސޯޝަލް މީޑިއާ ނެޓްވާކް ޑޫޔިން އާއި ޓިކްޓޮކްގައި ވެސް މިހާރު އެންމެ ހިނގަނީ "ޖިމީ ޖިމީ"ގެ ވީޑިއޯ ތަކެވެ.

ޗައިނާ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މީހުންނަށް ވަރަށް ހަރުކަށި އަދަބުތައް އެ ގައުމުގެ ސަރުކާރުން ދެއެވެ. ޗައިނާއިން އަނެއްކާވެސް ކޮވިޑް ޖެހިފައިވާ މީހުންތަކެއް ފެނުނަސް ޓެސްޓްކުރާ މީހުންގެ ތެރެއިން ބަލި ހުއްޓާ ފެންނަނީ މަދު ބަޔެއްގެ އެވެ.

ނަމަވެސް ކޮވިޑް މުޅިން ނައްތާލަން ކަމަށް ބުނެ މުޅި ސަރަހައްދު ލޮކްޑައުންކޮށް އެންމެން ގެއިން ނުނިކުމެ ތިބެން ވަނީ މަޖުބޫރު ކޮށްފަ އެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނަށް ވަނީ ވަރަށް ދަތި އުނދަގޫ ތަހައްމަލުކުރަން ޖެހިފަ އެވެ.