ދުނިޔެ

ހަރަމްފުޅު ތެރެއަށް ކެރޭނެއް ވެއްޓި މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް

Sep 12, 2015

މައްކާއަށް މޫސުން ގޯސްވެ ކުރަމުންދިޔަ ވިއްސާރައިގާ އައި ކޮޅިގަނޑަކާއެކު ހަރަމްފުޅުތެރެއަށް ކެރޭނެއް ފުރޮޅާލައި މަރުވި މީހުންގެ އަދަދު ސަތޭކަ ހަތަކަށް އަރައިފިއެވެ. މި ހާދިސާގައި އިތުރު ސަތޭކަ އައްޑިހަ އަށް ވުރެ ގިނަ  މީހުންނަށް ވަނީ އަނިޔާ ވެފައެވެ.

މި ހާދިސާ ހިނގީ އިއްޔެ ހަވީރު ސައުދީ ގަޑިން ފަސްގަޑި ބައި ހާއިރުއެވެ. އެވަގުތަކީ ހަރަންފުޅުތެރޭގައި މީހުން ފުރި ބާރުވެފައި އޮތް ވަގުތެކެވެ. ކެރޭނު ފުރޮޅާލީ ގިނަބަޔަކަށް އަޅުކަން ކުރެވޭގޮތަށް ގެފުޅުވަށައިގެން ބުރި ބުރިއަށް ހަދާފައިވާ ހަރަންފުޅުގެ ތިންވަނަ ފަންގިފިލަޔަށެވެ. މި ކެރޭނު ތަކަކީ ހަރަންފުޅު އިތުރަށް ބޮޑު ކުރުމަށް ސައުދީ އަރަބިއްޔާއިން ކުރިއަށްގެންދާ މަޝްރޫއެއްގައި ބޭނުން ކުރަމުންދިޔަ ކެރޭނު ތަކުގެ ތެރޭން ކެރޭނެކެވެ. މި މަޝްރޫއަކީ ހަރަންފުޅުގައި އިތުރު ހަތަރު ލައްކަ މީހުންނަށް އަޅުކަން ކުރެވޭ ވަރަށް އެތަން ބޮޑު ކުރުމަށް ހިންގާ މަޝްރޫއެކެވެ. މި މޝްރޫއު ނިމޭއިރު ހަރަންފުޅުގައި އެއްފަހަރާ ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް އަޅުކަން ކުރެވޭނެއެވެ.

ތިން މިލިއަނަށްވުރެ ގިނަ މީހުން 2012 ވަނަ އަހަރު ހައްޖުވީއިރު ސައުދީން 2013 ވަނަ އަހަރުން ފެށިގެން މި އަދަދު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ދެއެވެ. މީގެ ކުރިން ވެސް މައްކާގައި ހިތާމަވެރި ހާދިސާތައް ހިނގާފައި ވެއެވެ.  އޭގެ ތެރޭގައި 2006 ވަނަ އަހަރު މީހުން ތޮއްޖެހުމުގެ ސަބަބުން، ތިންސަތޭކަ ފަންސާ މީހުން މަރުވި ހާދިސާ ފާހަގަ ކުވެއެވެ.

ސައުދީ ރަސްމީ ނޫސް ސައުދީ ގެޒެޓް ބުނާ ގޮތުގައި ހާދިސާއަށް ފަހު މައްކާގެ ހޮސްޕިޓަލުތައް ކުއްލި ހާލަތަކަށް ގެނެސް ރެޑް އެލާޓް ނެރެފަ އެވެ. މީގެ އިތުރުން މަރުވި މީހުންގެ ހަށިތައް ނެގުމުގަ އާއި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ފޮނުވުމުގައި ސައުދީ ސިފައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މި ހަރަކާތްތައް ހިނގަމުންދާއިރު އެ ސަރަހައްދުގައި ހައްޖާޖީން ތިބި ބައެއް ހޮޓާތަކުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ.

މި ހާދިސާ ހިނގި އިރު މިއަހަރު ރާއްޖެއިން 2000 މީހަކު ހައްޖަށް ގޮސްފައިވެއެވެ. އޭގެތެރެއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1300 މީހަކު ގޮސްފައިވާއިރު އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި ދިޔައީ 700 މީހުން ހިމެނެ އެވެ. 

މި ނުރައްކާތެރި ހާދިސާގައި ޒަހަމްވީ މީހުންނަށް ސައުދީގެ އެތައްބަޔަކު ދަނީ ލޭ ހަދިޔާ ކުރަމުންނެވެ.

މިހާދިސާގައި ލިބުނު ގެއްލުން ދެނެގަނެ، ހަރަންފުޅުގެ ސަލާމަތާއި ރައްކާތެރިކަން ހުރި ނެތް ގޮތް ބެލުމުގެ މަސައްކަތް ސައުދީ ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ފަށާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.