މިއަދުގެ ކާފިއު ވަގުތު އިއްޔެއަށް ވުރެ ގިނަ މީހުން އުސޫލާ ހިލާފަށް ބޭރަށް ނުކުމެ އުޅުނު ކަމަށާ އެހެންވެ މާދަމާއިން ފެށިގެން އެގޮތަށް އަމަލު ކުރާ މީހުނަށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.
ކޮވިޑް- 19 ގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އަދިވެސް ބައެއް މީހުން ކާފިއު ހިންގާ ވަގުތުކޮޅު މަދުވެގެން ސުވާލު ކުރަމުންދާ ކަމަށާ ނަމަވެސް އިއްޔެއަށް ވުރެ ކާފިއު ވަގުތު ގަވާއިދާ ހިލާފުވާ މީހުންގެ އަދަދު މިއަދު އިތުުރުވި ކަމަށެވެ.
އިއްޔެ މާލެއިން ކާފިއު ވަގުތު 95 މީހަކު ހިފަހައްޓައި ނަސޭހަތް ދީފައިވެ އެވެ. މިއަދު އެ އަދަދު 284 އަރާފައި ވެއެވެ.
ހުޅުމާލެއިން އިއްޔެ ހިފަހައްޓާ ނަސޭހަތް ދީފައި ވަނީ 11 މީހަކަށް ނަމަވެސް މިއަދު 67 މީހަކަށް ނަސޭހަތް ދޭން ޖެހުނެވެ. ވިލިމާލެއިން އިއްޔެ ނުވަ މީހުން ހިފެހެއްޓި ނަމަވެސް މިއަދު 25 މީހަކު މަގުމަތީން ހުއްޓުވައި ނަސޭހަތް ދިނެވެ. ކާފިއުގެ ވަގުތު ބޭރުގައި އުޅުމުން ނަސޭހަތް ދިން މީހުންގެ ތެރެއިން 333 މީހުންނަކީ ދިވެހިންނެވެ.
"އަޅުގަނޑުމެންނާ ތިޔަ ބޭފުޅުން ވެސް ކުރާ ސުވާލަކީ ކީއްވެހޭ ކާފިއުެގ ވަގުތު ކުޑައީ. އެކަމު މިވަރު ވަގުތުކޮޅެއްގެ ތެރޭގައި އިތުރުވާ އަދަދު އަޅުގަނޑު މިދަންނަވަނީ... އަޅުގަނޑު ފާހަގަކޮށްލަން ބޭނުން 376 މީހެއް މި ދެ ދުވަހުގެ ތެރޭގައި، އޭގެ ތެރެއިން 333 މީހުންނަކީ ދިވެހިން. 43 މީހުންނަކީ ބިދޭސީން،" މަބުރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކާފިއު ވަގުތު މި ދެ ދުވަހު ނަސޭހަތް ދިން ނަމަވެސް މާދަމާއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.
"ފުލުހުން ވިދާޅުވި މި ދެ ދުވަހު ދިނީ ނަސޭހަތޭ ނަމަވެސް މާދަމާ ފިޔަވަޅު އަޅާނަމޭ!" މަބުރޫކް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 ން ރޭގަނޑު 8:00 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގުމަށެވެ. އެ ވަގުތު ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވަނީ ވަކި ބަޔަކަށެވެ. އާންމުން މަގުތަކަށް ނުކުތުން އެ ތިން ގަޑިއިރު މަނާއިރު އެ ވަގުތު ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ ވެއެވެ.