ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަރަންޓީންކުރި 49 މީހަކު ދޫކޮށްލަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 49 މީހަކު މާދަމާ ދޫކޮށްލާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް- 19 ގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މާދަމާއަކީ ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދޫކޮށްލަން ނިންމާފައިވާ ދުވަހެއް ކަމަށެވެ.

އެގޮތުން މާދަމާ ދޫކޮށްލާ 49 މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށާ އެމީހުންގެ ނަތީޖާތައް މާދަމާ ލިބޭނެ ކަމަށެވެ. އެމީހުންގެ ސާމްޕަލްތައް ނެގެޓިވް ވެއްޖެނަމަ އެމީހުން ދޫކޮށްލާނެ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.

މަބުރޫކް ވިދާޅުވީ ދޫކޮށްލާ މީހުން ބަލާ ދިއުމަށް މާދަމާ އެޗްޕީއޭއިން އެމީހުންގެ އާއިލާތަކަށް އަންގާނެ ކަމަށާ ކަރަންޓީންކުރި މީހާ ބަލާ ދާއިރު އާއިލާގެ އެންމެ މެންބަރެއް ދިއުމަކީ ސަރުކާރުގެ އިލްތިމާސެއް ކަމަށެވެ.

"މާދަމާ، ރާއްޖޭގައި ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބަޔަކު ދޫކޮށްލެވޭނެ. އެފަދަ 49 މީހެއްގެ ޓެސްޓް ވަނީ ހެދިފައި. އަދި އެމީހުންގެ ސާމްޕަލް ނެގެޓިވް ކަމުގައިވާނަމަ މާދަމާ ދޫކޮށްލާ ގޮތަކަށް ހަމަޖައްސާފައި ވަނީ. މިކަމާ ގުޅިގެން އަޅުގަނޑުމެންގެ އިލްތިމާސްއަކީ އެ މީހުން ބަލާ އެކަކަށްވުރެ ގިނަ މީހުން ނުދިއުން. އަދި އެތަން ތޮއްޖެހިފައި އޮންނަ ތަނެއްގެ ގޮތުގައި ނުބޭއްވުން." މަބުރޫކް ވިދާޅުވި އެވެ.

ކަރަންޓީން ފެސިލިޓީތަކުގައި މިހާރު ތިބީ 881 މީހުންނެވެ. އަދި އައިސޮލޭޝަންގައި ތިބީ 11 މީހުންނެވެ. މި 11 މީހުންވެސް އައިސޮލޭޓްކޮށްފައި ވަނީ ވެލިދޫ ރިސޯޓްގަ އެވެ.

މިއަދުގެ މިހާތަނަށް 1443 ސާމްޕަލް ވަނީ ނަގާފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ 19 މީހެއްގެ ސާމްޕަލެވެ. އަދި 1364 ސާމްޕަލް ނެގެޓިވްވެފައިވާއިރު މިހާތަނަށް ނަތީޖާ ނުލިބޭ 51 މީހެއްގެ ސާމްޕަލްވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.