ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ކާފިއު އުވާލީ ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަވެގެން ނޫން"

މާލޭ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ތިން ގަޑިއިރަށް އިއުލާނުކުރި ކާފިއު އުވާލީ ބަލީގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ކުޑަވެގެން ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް-19 އިގެ މައުލޫމާތު ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކާފިއު އުވާލީ ވީހާވެސް ގިނަ ވަގުތެއްގައި މަގުމަތީ އާންމުން އެއްވެ އުޅުން މަދު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ކާފިއު އިއުލާނުކުރި ހަފުތާގައި ކާފިއު ވަގުތަށް ފަހު ވަރަށް ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުމެއެވެ. އަދި ކާފިއު ވަގުތުގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު މަގުމަތީގައި އުޅެއެވެ. އެހެން ކަމުން މަބުރޫކް އެ އިޝާރާތް ކުރައްވަނީ އެކަމަށް ކަމަށް ބެލެވެ އެވެ.

މަބުރޫކް ވިދާޅުވީ ކޮވިޑްގައި ބަލިވި މީހުންގެ އަދަދު 1.8 މިލިއަން ފަހަނައަޅާ ގޮސްފައިވާއިރު ލައްކައަކަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވާ ކަމަށެވެ. އަދި އެމެރިކާގައި 535,703 މީހުން ބަލިވެ، ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މަރުވަމުންދާއިރު މިއީ ރާއްޖެއަށް ބަލީގެ ނުރައްކާ ނެތް ކަމަށް ބަލަންވީ ވަގުތު ނޫން ކަމަށެވެ.

މަބުރޫކް ވިދާޅުވީ ރާއްޖެ ވަށައިގެން އޮތީ "ނުރައްކާތެރި ތޫފާނެއް" ކަަމަށާއި މިހާރު ރާއްޖެ އޮތީ އާންމު ހާލަތުގައި ކަމަށް ނިންމައިފިނަމަ އެއަށްވުރެ ބޮޑު ގޯހެއް ދިވެހިން ނުހަދާނެ ކަމަށެވެ.

"ރާއްޖެ ވަށައިގެން [ބަލީގެ] ތޫފާނެއް މި އޮތީ. މުޅި ދުނިޔޭގައި މިދަނީ ބަލި ފެތުުރެމުން. ދުނިޔޭގެ ބޮޑެތި އިގްތިސޯދުތަކަށް އެ އުޅެނީ ހިފަހައްޓައި ނުލެވިގެން. މި ބަލިން އަރައިގަނެވިއްޖެ ކަމަށް މިހާރު ނިންމިއްޖެނަމަ އެއަށްވުރެ ބޮޑު ގޯހެއް ނުހެދޭނެ."

މަބުރޫކް ވިދާޅުވީ ސިއްްހީ ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު ވެސް އަދިވެސް އެތައް މަސްތަކެއް ވަންދެން ކޮވިޑް އިންސާނީ މުޖްތަމައުގެ ތެރޭގައި އުޅޭނެ އެވެ. އެހެން ރަނގަޅު އާދަތަކާއެކު ދިރިއުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި، ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުމާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުން ހުއްޓާލުމަށްފަހު ހަފްތާއެއްގެ ފަހުން އެ ނިންމުން ވަނީ އުވާލާފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 20 އަރާފައެވެ. އޭގެ ތެރޭގައި ފަސް ދިވެހިންވެސް ހިމެނެއެވެ. އޭގެ ތެރެއިން އެކަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލިޖެހުނު ބިދޭސީންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.