ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކުރި މީހުންގެ ތެރެއިން 800 އަށްވުރެ ގިނަ މީހުން ދޫކޮށްލައިފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ދޫކޮށްލި މީހުުންގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވްވެ ފަރުވާ ހޯދުމަށްފަހު ރަނގަޅުވެފައިވާ ދިވެއްސަކު ވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން 800 އަށް ވުރެ ގިނަ މީހުން ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރިސޯޓްތަކާއި، ސަފާރީތަކުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒިފުންގެ ތެރެއިން 9،000 ވުރެ ގިނަ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް މަބުރޫކް ވިދާޅުވިއެވެ.
ރިސޯޓްތަކާއި، ސަފާރީތަކުން މުވައްޒިފުންނަށް ފޭބުމުގެ ހުއްދަ ދެނީ އެ ރިސޯޓަކުން ނުވަތަ ސަފާރީއަކުން އެންމެ ފަހު ފަތުރުވެރިޔާ ފައިބައިތާ 14 ދުވަސް ފަހުންނެވެ. އެމީހުންނަށް އެ މުއްދަތު ހަމަވުމުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ހާއްސަ ހުއްދަ ދޭނެއެވެ.
މަބުރޫކް ވަނީ އެހެން ދޫކޮށްލާ އެންމެން ވެސް ރައްކާތެރިކަމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.
"އެ އެންމެން ވެސް ދަންނަންވީ ކަމަކީ އެހެން މީހަކަށްވުރެ ބޮޑަށް އެމީހުންނަށް ބަލީގެ ރައްކާތެރިކަން އޮވެގެން ނޫންކަން ދޫކޮށްލެވުނީ. އެހެން ކޮންމެ މީހެކޭ އެއްގޮތަށް ބަލި ޖެހުމުގެ ފުރުސަތު އެ މީހުންނަށް ވެސް އޮންނާނެ. ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެމީހުން ވެސް އަޅަންޖެހޭ." މަބުރޫކް ވިދާޅުވި އެވެ.
މީގެ އިތުުރުން ކަރަންޓީނުން ނުވަތަ ރިސޯޓްތަކުން ދޫކޮށްލާ މީހުން ބާކީކޮށްލާ، އެމީހުން ރަށްރަށައް އެރުވުމަށްވެސް ބައެއް މީހުން ދެކޮޅު ހަދަމުންދާ ކަމަށް ވިދާޅުވި އެވެ.
"ކަރަންޓީން ފެސިލިޓީއަކުން މީހަކު ދޫކޮށްލުމަކީ ނުވަތަ ރިސޯޓަކުން މީހަކު ރަށައް ދިއުމަކީ އެހެން އެއްވެސް މީހެއްގެ ކިބާގައި ނެތް ނުރައްކަލެއް އޭނާ ކިބައިގައި ހުންނަ ކަމެއް ނޫން. އަޅުގަނޑުމެންނަށް އެބަ އިވޭ ވަރަށް ހިތާމަވެރި ވާހަކަތަކެއް. ރަށްރަށައް އެ މީހުން ނާރުވާ، އެއީ ބަލި ބައެއް ކަމުގައި ބަލައިގެން އަދި ބައެއް ފަހަރު ފެންނަން ބޭނުންނުވާ ބައެއްގެ ގޮތުގައި އެ މީހުން އެބަދެކޭ. ސަމާލުވުމަކީ އެހެން ކަމެއް."
ކޮވިޑްގެ ރާއްޖޭގެ ހާލަތު
- މިހާތަނަށް ނެގުނު ސާމްޕަލްތަކުގެ އަދަދު 2679
- ކޮވިޑަށް ޕޮޒިޓިވްވީ 20 މީހުން
- ނެގެޓްވްވީ 2612
- ނަތީޖާ ނުލިބި 38 މީހުން އެބަތިބި
- ރާއްޖެއިން ރަނގަޅުވީ 14 މީހެއް
- ރާއްޖޭގައި ފަރުވާ ދެމުންދަނީ 4 މީހަކަށް
- ކަރަންޓީން ފެސިލިޓީތަކުން މިވަގުތު 85 ސާމްޕަލް ނެގިފައިވޭ
- މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 907 މީހުން
- އައިސޮލޭޝަންގައި ތިބީ 11 މީހުން
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 20 އަރާފައެވެ. އޭގެ ތެރޭގައި ފަސް ދިވެހިންވެސް ހިމެނެއެވެ. އޭގެ ތެރެއިން އެކަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލިޖެހުނު ބިދޭސީންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.